20 Apr 2023, 14:59
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކަމުގެ މައުލޫމާތު ހިއްސާ ކުރައްވާ ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާއި ސައިކަލެއް ޖެހިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބުމުން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އޭޑީކޭއަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމުގެ މައުލޫމާތު ހިއްސާކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެކްސިޑެންޓަށް ފަހު އޭނާގެ ހޭ ވެސް ނެތް ކަމަށާއި ބޮލުންނާއި ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށެވެ.
މި މަހު ކުރީކޮޅު ވެސް ހަމަ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެމްޕީއެލް ފްލެޓް ކައިރީ ސައިކަލަކާއި ޕިކަޕެއް އެކްސިޑެންޓުވެ، ހިނގި އެ ހާދިސާގައި އަނިޔާވި 59 އަހަރުގެ ފިރިހެން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވާ މަހެކެވެ. އެހެންކަމުން ފުލުހުން ވަނީ މި ރޯދަމަހުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޓްރެފިކު ފްލޯ ބެލެހެއްޓުމަށް ކަމަށް މީގެ ކުރިން ބުނެފައެވެ.