22 Apr 2023, 23:41
ކޮޕާ އިޓަލިއާ ސެމީ ފައިނަލުގެ ދެވަނަ ލެގަށް އިންޓަ މިލާންގެ ފޯވަޑް ރޮމެލޫ ލުކާކޫއަށް ކުރިމަތިވި ސަސްޕެންޝަން އިޓަލީގެ ފުޓުބޯޅަ އިދާރާ އިން އުވާލައިފިއެވެ.
ލުކާކޫއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ލެގުގައި ފަހުވަގުތު ޔުވެންޓަސް ކޮޅަށް ގޯލު ޖަހައި، ޔުވެންޓަސްގެ ސަޕޯޓަރުންގެ ކުރިމައްޗަށް ހުއްޓި އަނގަމަތީގައި އަތް އެޅުމުން ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. ލުކާކޫ އަނގަމަތީގައި އަތް އަޅާފައިވަނީ ނަސްލީގޮތުން އޭނާއަށް ދިމާކުރަމުންދިއުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އެ މެޗަށްފަހު އިންޓަ އިން ލުކާކޫގެ ސަސްޕެންޝަން އުވާލުމަށް ފުރަތަމަ ހުށަހެޅުމުން ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް ފަހުން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމީ ލުކާކޫގެ ސަސްޕެންޝަން އުވާލުމަށެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ލުކާކޫއަށް މައާފު ދިނުމަށް ފެޑެރޭޝަނުން ނިންމީ ކުޅިވަރުގައި ނަސްލީ ތަފާތުކުރުންތައް ނައްތާލުމުގެ އުސޫލުތަކުގެ ދަށުންނެވެ.
އެ މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ބެލުމަށްފަހު ޔުވެންޓަސްއަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އެއީ ސްޓޭޑިއަމަށް ވައްދާ ޔުވެންޓަސްގެ ސަޕޯޓަރުންގެ އަދަދު މަދުކުރުމެވެ. ނަމަވެސް އެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ނަޕޯލީއާ ދެކޮޅަށް ކުޅޭ ލީގު މެޗަށްފަހުއެވެ.
ރަށުން ބޭރުގައި ކުޅުނު ކޮޕާ އިޓާލިއާ ސެމީގެ ފުރަތަމަ ލެގު މެޗުގައި ޔުވެންޓަސް އަތުން އިންޓަ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅޭ ސެމީގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިިމަހުގެ 26 ވަނަ ދުވަހުއެވެ.