23 Apr 2023, 15:24
ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ވަޅުގަނޑު ހެދި، އަޑިގުޑަންތައް ހެދިފައިވާއިރު، އެކަމުގެ ސަބަބުން ވެހިކަލްތައް ދުއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ އާއްމުން ވަނީ ކޮށްފައެވެ.
އެކަން ހައްލުކުރުމުގެ ގޮތުން މަގު މަރާމަތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ މަސައްކަތް ކުރަނީ މާލެ އާއި ހުޅުމާލެއާ ގުޅުވައިދޭ ހައިވޭ ހެދި ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަންސް (ސީސީސީސީ) ކުންފުނިންނެވެ.

ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
"ހަމައެކަނި އަޑުގުނޑަންތައް ރަނގަޅުކުރުމުގެ މަސައްކަތެއްވެސް ނޫން. މަގުގަ ހަލާކުވެފައި ހުންނަ އެހެންނިހެން މަސައްކަތްތައް ވެސް ކުރާނެ،" އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މި މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. މި މަސައްކަތް ކުރަނީ މާލޭ ސިޓީ ކައުންސިލުގެ އަމިއްލަ ބަޖެޓުންނެވެ.
ބޮޑުތަކުރުފާނު މަގުގައި އަޑިގުޑަންތައް ހުރެގެން ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވާއިރު، އެކަން މެދުވެރިވަނީ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.