23 Apr 2023, 21:08
ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ.
ފާއިތުވި ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ކުރާ ފަރާތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ވަނީ ނަގަން ފަށާފައެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހެއެވެ. އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އަދި އަންނަ މަހު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ މައްސަލަ ހައްލު ކޮށްދިނުމަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ގޮވާލާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް އަލަށް ފާސްކޮށްފައިވާ ގާނޫނުން އިސްތިސްނާ ވާ އިތުރު ހާލަތެއް ހިމެނުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް އިސްތިސްނާ ކުރުމަށް އިސްލާހުގައި ހިމަނާފައިވެއެވެ.
މި އިސްލާހު ފާސްވުމުން މި ކަމަށް ހައްލު ލިބޭނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެކަމަށް ދެކޭތީއެވެ.