މިއަހަރު ދިރާގުގެ 2023ގެ ކަލަންޑަރުގެ ޒަރިއްޔާއިން އެކުންފުނިން އަގުވަޒަންކުރަނީ ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. މިގޮތުން ދިވެހި ބަސް، އަތްތެރި މަސައްކަތް، މިއުޒިކް އަދި ތިމާވެށި، މި ހަތަރު މައުޟޫއަށް ބަހާލެވިފައިވާ މި ކަލަންޑަރުން ފާހަގަކުރަނީ މި ދާއިރާތަކުގައި ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވެފައިވާ ތަފާތު 12 މީހެއްގެ ވާހަކައެވެ.

މިގޮތުން ދިރާގުގެ ކަލެންޑަރުން އޭޕްރީލް މަހަކީ އެންމެ ޚާއްސަ އެއްމަހެވެ. ދިވެހި ބަހުގެ ދުވަސްވެސް ފާހަގަކުރާ މި މަހުގައި ދިރާގުން އަލިއަޅުވާލަނީ މިއަދު ދުނިޔޭގައި ނެތް ކަމަކު، ޤައުމަށާއި ދިވެހިބަހަށް ޚިދުމަތްކޮށްދެއްވި މުހިއްމު ދަރިއެއްގެ ވާހަކައަށެވެ. މިއީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ދާލު އަލީ ވަހީދުގެ ވާހަކައެވެ.

ދާލު އަލީ ވަހީދު ދިވެހި ބަހަށް ޚިދުމަތްކުރެއްވިއެވެ. އަދަބިއްޔާތައް ޚިދުމަތްކުރެއްވިއެވެ. ޅެން ހެއްދެވިއެވެ. އަމިއްލައަށް ރާގު ހެއްދެވިއެވެ. ނޫސްވެރިކަމުގައި އުޅުއްވިއެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ އަލިކަން ނެތް ޒަމާނެއްގައި ވެސް، ދިވެހި ބަސް ކުރިއަރުވައި އެކި ފޮންޓުތަކުން ކުރައްސަވާ އަދި ލިޔުއްވާ ހެއްދެވިއެވެ.

ވަކީން ޚާއްސަކޮށް އެންމެ ފާހަގަކޮށްލެވޭނެ އެއް ކަމަކީ ދިވެހި ބަސް، ޒަމާނީ ތަރައްގީއާ އެއްވަރަށް ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވި އީޖާދީ މަސައްކަތްތަކެވެ. ކޮމްޕިއުޓާ އަދި އެނޫން ވެސް މާގިނަ ތަކެއްޗެއް ނެތް ޒަމާނެއްގައި ވެސް، ދިވެހި ބަހުގެ އެކި "ފޮންޓް"ތައް އަމިއްލަ ޚިޔާލުގައި ކުރައްސަވައި ހެއްދެވިއެވެ.

ދިވެހި ބަހުން އަތު ލިޔުމުން ކެލިގްރާފްކޮށް ހައްދަވައެވެ. މި މަސައްކަތް ވެގެންދިޔައީ މިޒަމާނުގައި ކޮމްޕިއުޓަރުން މި ލިޔާ ޑިޖިޓަލް ފޮންޓުތައް އުފެދުމަށް އެޅުނު މުހިންމު ބިންގަލަކަށެވެ.

ދާލު އަލީ ވަޙީދު ފާހަގަކުރެވުނީ ލިޔުންތެރިކަމަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައިއެވެ. އެގޮތުން އެމަނިކުފާނު ތަރުޖަމާ ކުރެއްވި "ދޮޅުފައިގެ ބިރު" އަދި "ގަބުރުސްތާނު މީދާ" ފާހަގަކޮށްލެވެއެވެ.

އެމަނިކުފާނަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ތިން ނޫހެއްގައި މަސައްކަތްކުރެއްވި ހުނަރުވެރި ބޭފުޅެއް ވެސް މެއެވެ. އޭގެ ތެރޭގައި ހިމެނެނީ މޫންލައިޓް، ހަވީރު އަދި އާފަތިސްއެވެ.

މީގެ އިތުރުން އެމަނިކުފާނަކީ ދިވެހި ޅެންވެރިކަން ކުރިއަރުވަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަނބިކަނބަލުންގެ އާއިލާ، ނައިބު ތުއްތުގެ އާއިލާގެ ފަރާތުން ޅެންވެރިކަމުގެ ގުލްޒާރުގައި އުފެދުނު ލޯތްބާއި އެއްވަރަށް އެމަނިކުފާނު ވެސް ޅެންވެރިކަމަށް ލޯބި ކުރެއްވިއެވެ.

ދާލު އަލީ ވަހީދު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާ އެއްވަރަށް ދިވެހި ގައުމުން ދުށުމަށް އެދިވަޑައިގަންނަވާ އެއް ކަމެއް އޮވެއެވެ. އެއީ ދިވެހި ބަސް ދިރުވުމެވެ. ދިވެހި ބަހުން ވާހަކަދައްކައި، ދިވެހި ބަހަށް އިސްކަން ދިނުމަކީ އެމަނިކުފާނު އަބަދުމެ ދެކެން ބޭނުންވާނެ ދުވަހަކެވެ.

އެމަނިކުފާނު އެންމެ ހިތާމަކުރެއްވި އެއްކަމަކީ ވެސް އަމިއްލަ ދިވެހި ބަހަށް އިސްކަން ނުދީ، ދިވެހި ބަސް ވަޅުޖެހި ދިޔުމެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވާ އެއްވާހަކައެއް އޮވެއެވެ. އެއީ އަމިއްލަ މާދަރީ ބަސް ނޭނގުމަކީ ލަދުވެތި ކަމެއް ކަމުގައެވެ.