މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 98ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރު ވެސް ކުރަމުން އަންނަކަމަށް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

"ވަރަށް މުހިންމު ކަމެއް މިކަމަކީ ކުރަން. ވަރަށް ސިމްޕަލްކޮށް އެކަމަކުވެސް ނަތީޖާ ނެރެވޭނެގޮތަށް ޓޭބަލްކުރެވި އަންނަ ހަފުތާއަށް އިދާރީ ކަންކަން ނިންމަވައިދެއްވުމަށް އެދެން“ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް "ކެޓް ނިއުޓާ ފެސިލިޓީ" އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި، ބުޅާ ގެންގުޅޭ މަރުކަޒަކާއި ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ވިލިމާލޭގައި ގާއިމްކުރަން އެ ކައުންސިލުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 31ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގައެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ އޮކްޓޯބަރު ނުވަ ވަނަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެޓް ޝެލްޓާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. މުއިއްޒު ވިދާޅުވީ އޭރު ކުރިއަށް ދަނީ ޖަނަވާރުންނަށް ހާއްސަ މަރުކަޒުގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތްތައް ކުރުން ކަމަށެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ވިހާވެސް ކުޑަ ޖާގައެއް ބޭނުން ކޮށްގެން އެންމެ ރަނގަޅަށް އަދި އެންމެ ކުޑަ ޚަރަދެއްގައި ބުޅަލުގެ މައްސަލައަށް ހައްްލެއް ގެނައުމަށް ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު އެ ދުވަހު ވިދާޅުވީ މި އަަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެތަނުގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނަމަވެސް އޭގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވާއިރު، ސިޓީ ކައުންސިލުން ކުރަން ރާވައިފައިވާ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން، މީގެ ކުރިން މޭޔަރު ވިދަޅުވީ، އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ އަމިއްލަ ޚަރަދުގައި ބުޅާ ޝެލްޓާ ގާއިމު ކޮށްދޭނެ ބައެއް ހޯދަން އިއުލާނު ކޮށްފައިވެއެވެ.

ނަމަވެސް އެ ކަމަށް އެކަށޭނެ ތަރުހީބެއް ނުލިބުނު ކަމަށް އޭރު ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ކުރިން ވެޓް ކްލިނިކެއް ހިންގަމުން އައި ނަމަވެސް މިދިޔަ އަހަރު ނިމުމާއެކު އެތަން ވަނީ ބަންދުކޮށްފައެވެ.

އެޗްޑީސީން ވަނީ، 2021ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ބުޅާ ގެންގުޅެން ފެސިލިޓީއެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ފެސިލިޓީ ހަދާފައެއް ނުވެއެވެ.