29 Apr 2023, 10:27
މީގެ 10 އަހަރުކުރިން އަމިއްލައަށް ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވުނު ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯޅީގެ ކުށެއް ނެތް ކަމަށް އެ މައްސަލަ ބެލި ކޯޓުން ނިންމުމުން، އެ ނިންމުން ބަލައި ނުގަންނަން ކަމަށް ޖިއާގެ މަންމަ ބުނެފިއެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ކޯޓުން ޖިއާގެ މަރުގެ މައްސަލައިގައި ސޫރަޖްގެ ކުށެއްނެތްކަމަށް ނިންމީ އިއްޔެއެވެ.
ނަމަވެސް ޖިއާގެ މަންމަ ރާބިއާ ވަނީ އެ ނިންމުމާ ދެކޮޅު ހަދައި، ފަހު ވަގުތާ ހަމައަށްވެސް ދަރިފުޅަށް އިންސާފު ހޯދުމުގެ މަސައްކަތްކުރާނެކަމަށް ބުނެފައެވެ. އެގޮތުން އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރާބިއާ އެހެން ބުނުމާ ގުޅިގެން ސޫރަޖްގެ މަންމަ އަދި ބަތަލާ ޒަރީނާ ވައްހާބު ބުނެފައިވަނީ ރާބިއާ ކޮންމެ ގޮތަކަށް ދުށް ނަމަވެސް ހަޤީޤަތް ބަދަލުނުކުރެވޭނެކަމަށެވެ.
ފިލްމު "ނިޝަބްދް" އާއި "ގަޖްނީ" އާއި "ހައުސްފުލް"އިން ފެނިފައިވާ ބަތަލާ މަރުވެފައި ހުއްޓާ ފެނުނީ 2013ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭރު ޖިއާއާއި ސޫރަޖް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް ދެ ތަރިންގެ މެދުގައި ވަރަށް ގިނަ މައްސަލަތައް ޖެހިފައިވާކަން މިމައްސަލައިގެ ތަހުޤީޤު ތެރޭގައިވަނީ ހާމަވެފައެވެ.
ދެ މީހުންގެ ދެމެދުގައި ބަދަލުކުރެވުނު މެސެޖުތަކާއެކު ޖިއާ މަރުވުމުގެ ހަފުތާއެއްކުރިން ލިޔެފައިވާ ސިޓީގައި ދެމީހުންގެ ގުޅުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށްވަނީ ލިޔެފައެވެ.
ސޫރަޖް އަބަދުވެސް ބުނަމުންދިޔައީ ޖިއާގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ނުވާކަމަށެވެ. ކުރީގެ ފިލްމީ ތަރިންކަމަށްވާ އަދިތްޔަ ޕަންޗޯލީއާއި ޒަރީނާ ވައްހާބުގެ ދަރިފުޅު ސޫރަޖްއަށް މިމައްސަލައިގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އޭރު އަމާޒުވިއެވެ.
ސޫރަޖް އޭރު ދިޔައީ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވަމުންނެވެ. ނަމަވެސް ޖިއާގެ މަރުގެ މައްސަލައިގެ ސަބަބުން ސޫރަޖްގެ ފިލްމީ ކެރިއަރުގެ ފެށުންވެސް ވަރަށްބޮޑަށް ލަސްވީއެވެ.
ސަލްމާން ޚާންގެ ފިލްމު ކުންފުނިން އުފެއްދި ފިލްމު "ހީރޯ"އިން ބޮލީވުޑަށް ތަޢާރަފުވި ސޫރަޖްގެ މިހާތަނަށް ރިލީޒްވެފައިވަނީ ތިން ފިލްމެވެ. ފިލްމުކުޅުމުގެ އިތުރުން ސޫރަޖްވަނީ ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ޖިއާގެ މަރުގެ މައްސަލައިން ސަލާމަތްވުމާއެކު ސޫރަޖް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ތުހުމަތުތަކާއެކު ދިރިއުޅުން ކުރިއަށް ގެންދިޔައީ ވަރަށް ހިތްވަރާއެކުކަމަށެވެ. މިފަދަ ދުވަސްތަކެއް އެއްވެސް މީހަކު ތަޖުރިބާކުރަން ނޭދޭކަމަށްވެސް ސޫރަޖްވަނީ ބުނެފައެވެ.
ފާއިތުވި ދިހަ އަހަރު އަލުން ނުލިބޭނެ ކަމަށާއި ނަމަވެސް އެތުހުމަތުތަކުން ސަލާމަތްވުމަކީ އާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސޫރަޖްގެ ބަޔާނުގައިވަނީ ބުނެފައެވެ.