މޯލްޑިވްސް މީޑިއާ ކައުންސިލަށް ތިން މެމްބަރަކު މިއަދު އިންތިޚާބުކޮށްފިއެވެ.

ވެލާނާގެ ގްރައުންޑް ފްލޯގައި ކުރިއަށް ގެންދިޔަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

މިއަދު ބޭއްވި އިންތިޚާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް މެންބަރަކާއި އާންމުންގެ ތެރެއިން ދެ މެންބަރަކު އިންތިޚާބު ކޮށްފައިވެއެވެ.

މީޑިއާތައް ތަމްސީލު ކުރެއްވުމަށް އިންތިޚާބުގައި ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޚަބަރު އޮންލައިން އިން ވާދަކުރެއްވި ކެނޑިޑޭޓް އަލީ އާދަމްއެވެ. އަލީ އާދަމްއަށް 64 ވޯޓު ލިބިފައިވެއެވެ.

މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ތެރެއިން ---

އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިޚާބުވީ 49 ވޯޓު ލިބިގެން ފ. ބިލެތްދޫ، ބަސީރީ ހިޔާ، ޖައިލަމް ތައުފީގާއި 43 ވޯޓު ލިބިގެން ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 85 މީޑިއާއަކުން ރަޖީސްޓްރީ ކޮށް 72 މީޑިއާއަކުން ވޯޓުލާފައިވެއެވެ.

މިއަދު ބޭއްވި މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ތެރެއިން ---

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން މިއަދު ބޭއްވީ އެ ކައުންސިލްގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާދެއްވާފައިވުމުންނާއި އެއް މެމްބަރެއްގެ ދައުރު ހަމަވެފައިވާތީއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.