އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއަކީ އެންމެ މޮޅު ޓީމު ކަމަށާއި މިސީޒަނުގައި އެޓީމަށް ތިން ތަށި ވެސް ހައްގު ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުނީ އެންމެ މޮޅު ޓީމުގެ އިތުރުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަކީ އެންމެ މޮޅު ކޯޗު ކަމަށެވެ.

"ޝައްކެއް ނެތް ގޮތުގައި ސިޓީއަށް ހައްގު. އަހަރެން ދެކެނީ މިވަގުތު ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް. އެންމެ މޮޅު ކޯޗު ވެސް ހުރީ އެޓީމުގައި. އަދި ސިޓީން އެދަނީ މޮޅު ކުޅުމެއް ދައްކަމުން،" ޒަވީ ބުންޏެވެ.

ޒަވީއަކީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުންތެރިއެއްގެ ގޮތުގައި ބާސާއަށް ކުޅުނު ކުޅުންތެރިއެކެވެ. އޭރު ގާޑިއޯލާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ޒަވީ ވަނީ ބާސާއަށް ކާމިޔާބީތަކެއް ހޯދައިދިނުމަށް ވެސް އެހީތެރިވެދީފައެވެ.

މިސީޒަނުގައި ސިޓީން ތިން ތަށި ހޯދައިފި ނަމަ، މެންޗެސްޓާ ޔުނައިޓެޑަށް ފަހު އެޓީމު ވެގެންދާނީ އެއް ސީޒަނެއްގައި ތިން ތަށި ހޯދާ އިނގިރޭސި ފުރަތަމަ ކްލަބަށެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ސިޓީން ވާދަވެރި ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

އޭގެ އިތުރުން ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ވެސް އެއްވަނައަށް ޖެހިލައިފައެވެ. ސިޓީ އާއި ދެވަނައަށް ވެއްޓުނު އާސެނަލާ ދެމެދު އެންމެ ޕޮއިންޓެއްގެ ފަރަގު އޮތް ނަމަވެސް، އާސެނަލުން ވަނީ ސިޓީއަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.