ކުޑަކުދިންނަށް ދޭ ސިރަޕެއް ކަމަށްވާ "ގުއައިފިނެސިން"ގައި ސިއްހީ ނުރައްކަލަށް ހުށަހެޅޭ މައްދާއެއް ހިމެނޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެ އޮތޯރިޓީން ބުނީ، "ގުއައިފިނެސިން"ގައި ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވާ މާއްދާއެއްކަމަށްވާ "ޑައިތީލީން ގްލައިކޮލް އެންޑް އެތިލީން ގްލައިކޮލް" ހިމެނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އެލާޓުކޮށްފައި ވާކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިލްތިމާސްކޮށްފައި ވާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ސިއްހަތު ޖަމިއްޔާގެ އެލާޓުގައި ވަނީ އިންޑިއާގެ ޕަންޖާބުގައި ހުންނަ ކިއުޕީ ފާމާ ކެމް ލިމިޓެޑުން އުފައްދާ އެ ބާވަތުގެ ބޭހުން ވެސް މިހާރު ނުރައްކާތެރި މާއްދާ ފެނިފައިވާ ކަމަށެވެ.

މި ބޭހަކީ ރާއްޖެއަށް އެތެރެކުރުން ހުއްދަކުރާ ބޭހެއް ނޫނެވެ. ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫން ވެސް ގޮތަކަށް މި ބޭސް ރާއްޖެއަށް އިމްޕޯޓް ވުމުގެ ފުރުސަތު އެބައޮތްކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއިން އިމްޕޯޓްކުރާ ބޭހަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންނަށް ދޭ ބޭސްތަކުގައި ނުރައްކާތެރި މާއްދާތައް އެކުލެވޭކަން ފާހަގަކުރެވި، ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކަމަށް ސަމާލުވުމަށް ދޭތެރެއަކުން އިލްތިމާސްކުރެއެވެ.