ޣައްޒާ (3 މެއި 2023): އިސްރާއީލުން އެއްވެސް ސަބަބަކާނުލައި ޖަލަށްލާފައިވާ ފަލަސްތީނުގެ މުޖާހިދެއްކަމަށްވާ ޚުޟަރު އަދުނާން ޖަލުގައި ޝަހީދުވެފުރާނަ ދިޔުމުން ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފިއެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އެތަށް ހަމަލާއެއް ޣައްޒާގެ ކައިރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގެ އެކި ހިސާބުތަކަށް އިއްޔެއާއި ރޭގެ ވަގުތުތަކުގައި އަރާފައިވާ ކަމަށް އިސްރާއީލުގެ މިޑިއާ ބުނެއެވެ. ނަމަވެސް މީހަކު މަރުވެފައެއްނުވެއެވެ.

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެތް ބުނިގޮތުގައި ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކުން މިހާރަކަށް އައިސް އިސްރާއީލަށް ހަމަލާ ދެމުންގެންދަނީ ކުރިން ހަމަލާދޭ ރޮކެޓަށްވުރެ ބާރުގަދަ ރޮކެޓުންނެވެ. އަދި އެއްފަހަރާ ފޮނުވާލާ ރޮކެޓްތަކުގެ އަދަދުވެސް ކުރިއާ އަލާބަލާއިރު މާގިނައެވެ.

ބެނެތް ބުނިގޮތުގައި މިހާރަކަށް އައިސް ފަލަސްތީނުގެ ޖަމާއަތްތަކުން އެންމެދުވަހަކު އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގެ އަދަދުވެސް މީގެކުރިން އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކަށްވުރެ ގިނައެވެ. މިއީ ކަންބޮޑުވުމެއްކަމަށާ ފަލަސްތީނުގެ ޖަމާއަތްތަކުން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީކުރަމުންދާ ނިސްބަތާއި އަވަސްމިން ވަރަށް ބޮޑަށް މައްޗަށް ޖައްސާލައިފިކަމަށް އޭނާ ބުނެފައިވެއެވެ.

އިސްރާއީލުން ފަރުވާނުދީ ޝަހީދުކޮށްލި ޚުޟަރު އަދުނާން

އިސްރާއީލުގެ ސަރުކާރު ބުނާގޮތުން ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ ޚުޟަރު އަދުނާން މަރުވީ އިސްރާއީލުގެ ރަމްލާ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ބަލިކަށިވެފައިވުމުގެ ސަބަބުންނެވެ. ފަލަސްތީނުގެ ސަރުކާރު ބުނާގޮތުގައި ޚުޟަރު އަދުނާން ހައިހޫނުކަމުގެ ހަޅުތާލެއްފެށީ އިސްރާއީލުން އެއްވެސް ސަބަބެއް ނުދައްކައި އަދި އެއްވެސް ޝަރީއަތެއް ހިންގުމަކާ ކާނުލައި އަދުނާނު ހައްޔަރުކުރުމަށްފަހު އެކިގޮތްގޮތުން އޭނާއަށް އަނިޔާކުރަމުން ގެންދާތީއެވެ.

އަދުނާނު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުވަރީ ފަސް ވަނަ ދުވަހު ހުޅަނގު އައްސޭރީގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ދިރިއުޅެމުން ދިނިކޮށެވެ. ޝަރީއަތަކާނުލައި އަދި ކޯޓުގެ އަމުރެއްވެސް ހުކުމެެއްވެސް ނެތި އިސްރާއީލު ސިފައިން އަދުނާނު ހައްޔަރުކޮށްގެން ގެންދިޔުމަށްފަހު ހައްޔަރުކުރި ސަބަބުވެސް ހާމަކޮށްފައެއް ނުވެއެވެ. އަދުދާނު ބަހައްޓާފައިވަނީ އިސްރާއީލު ވެރިގެންފައިވާ ފަލަސްތީނުގެ ރަމްލާ ސަރަހައްދުގައިވާ ޖަލެއްގައެވެ.

އަމިއްލަ ގައުމާއި ވަޒަނުގެ މިނިވަންކަމަށްޓަކައި މުސްތައުމިރުންނާ ދެކޮޅަށް ޖިހާދުކުރުމަކީ އިސްލާމްދީނުގައާ އަދި ބައިނަލްއަގްވާމީ ގާނޫނުގައިވެސް ހުއްދަ ކަމެކެވެ. ނަމަވެސް އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރުމަކީ އިސްރާއީލާ އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ނަޒަރުގައި ޓެރަރިޒަމްގެ އަމަލުތަކެކެވެ.

އެމައްސަލާގައި އިސްރާއީލުން އަދުނާނު ޖަލަށްލައި އަނިޔާކުރާއިރު އެކަމާދެކޮޅަށް ތެދުވުމަކީ އޭނާއަށް އޮތް ހައްގެއްކަމަށް ފަލަސްތީނުން ބުނެއެވެ. ޚުޟަރު އަދުނާން ޝަހީދުވީ އޭނާގެ ހަށިގަނޑު ބަލިކަށިވެފައިވާއިރު އޭނާއަށް ދޭންޖެހޭ ފަރުވާ އިސްރާއީލުން ނުދިނުމުގެ ސަބަބުންކަމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ބުނެއެވެ.

ޝަހީދުވި އަދުނާނުގެ އާއިލާ ބުނިގޮތުގައި އިސްރާއީލުން އޭނާ ޖަލުގައި ބަންދުކޮށްފައިވަނީ އެކަހެރި ގޮތެއްގައި ވަރަށްކުޑަކުޑަ ގޮޅިއެއްގައެވެ. އެގޮޅީގައި އޭނާ އުޅެންޖެހިފައިވަނީ ވަރަށް ދަތި ހާލެއްގައެވެ. އަދުނާނު ހޮސްޕިޓަލަކަށް ގެންގޮސް އޭނާއަށް ފަރުވާދިނުމަށް ޔަހޫދީ އިސްރާއީލުގެ ސަރުކާރުން ތަކުރާރުކޮށް ދެކޮޅު ހަދާފައިވާއިރު ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް އަދުނާނަށް ދިނުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ގެންދިޔަކަން އަދުނާނުގެ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމުން އިސްރާއީލުގެ އަސްކަރީ ޖެޓްތަކުންވަނީ ޣައްޒާގެ އެތަން މިތަނަށް ހަމަލާތަކެއް ދީފައެވެ.