ދިވެހި ފުލުހުންގެ ޚިދުމަތުން ދެ ވަޒީފާއަކަށް ހުޅުވާލައިފިއެވެ.

އެގޮތުން ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތު ތަކަކީ:

  • ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލް

މި ވަޒީފާއަށް މީހުން ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހޭނެއެވެ. އަދި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމަކީ ލާޒިމު ކަމެކެވެ.

ވަޒީފާގެ ޝަރުތުތައް:

  • ގްރޭޑް 10 ނިންމާފައިވުން

  • މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

  • އިސްކޮޅު: ފިރިހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓު 03 އިންޗި އަށްވުރެ ކުރު ނުވުން، އަދި އަންހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓަށްވުރެ ކުރު ނުވުން،

  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

  • ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

  • ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

  • ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން،

މި މަގާމަސް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 17 ވަނަ ދުވަހުގެ 16:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅާނީ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށެވެ.

  • އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 3 (ކައުންޓަ ޓެރަރިޒަމް)

މި ވަޒީފާއަށް ހޯދަން އިއުލާނު ކޮށްފައި ވަނީ ދެ މީހުނެވެ. މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގެ ކުށުގެ މާހައުލާ ގުޅޭ ގޮތުންނާއި ވަކިވަކި ކުށްތަކާއި ކުށްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ތަފާތު އެނަލިސިސް ހެދުމާއި، އެ ފަދަ ކަންކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން ހިމެނެއެވެ. އަދި، މީގެ އިތުރުން، ކުށާ ގުޅޭ ތަފާސްހިސާބު އެއްކޮށް އެ މަޢުލޫމާތާ ގުޅޭ އެނަލިސިސް ހެދުމަކީ މި ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ވަޒީފާގެ ޝަރުތުތައް:

  • ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ލޯ، ލޯ އެންފޯސްމަންޓް، މެނޭޖްމަންޓް، ސޯޝަލް ސައިންސް، ސައިކޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޕޮލިޓިކަލް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާޞިލްކޮށްފައިވުން،

  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން،

  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މި މަގާމަށް މީހުން ހޮވުމުގައި ވަކި ކަންކަމަކަށް އިސްކަން ދޭނެއެވެ. މި މަގާމަށް އެދި ހުށަހެޅުމުގެ ފަހު ވަގުތަކީ، އަންނަ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިއެވެ. ފޯމު ހުށަހަޅާނީ، ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނަށެވެ.

މި ދެ ވަޒީފާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންގެ ވެބަސައިޓުންނާއި ސަރުކާރުގެގެޒެޓުންފެންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ދިވެހި ފުލުހުންގެ ޚިދުމަތުގެވެބްސައިޓުންލިބެން ހުންނާނެއެވެ.