06 May 2023, 10:13
ބޮލީވުޑްގެ ފިލްމުތަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އިންޑިއާގެ ވެސްޓް ބެންގޯލްގެ ސިޓީއެއްކަމަށްވާ ޖަންގިޕޫރްގައި ހޮސްޕިޓަލެއް ޤާއިމުކުރަން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
ޖަންގިޕޫރް ސިޓީގައި ހޮސްޕިޓަލެއް ބިނާކުރަން ބޭނުންވާކަމަށް ލަވަކިޔުންތެރިޔާ ބުނެފައިވާއިރު އަރިޖިތު ޚުދު ނިސްބަތްވަނީވެސް ވެސްޓް ބެންގޯލްއަށެވެ. ޕަންޖާބީ ސިކުންގެ އާއިލާއަކަށް އަރިޖިތުގެ ބައްޕަ ނިސްބަތްވާއިރު މަންމަ ނިސްބަތްވަނީ ވެސްޓް ބެންގޯލްގެ ޖިއާގަންޖް މުރްޝިދުއާބާދް އަވަށަކަށެވެ.
އަރިޖިތު ބިނާކުރަން ގަސްތުކޮށްފައިވާ މިހޮސްޕިޓަލު އެޅުމުގެ ހުރިހާ ޚަރަދެއް ލަވަކިޔުންތެރިޔާގެ އަމިއްލަ ޚަރަދުގައި ކުރަން ނިންމާފައިވާއިރު، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރ ވަނީ މިކަމުގައި ލަވަކިޔުންތެރިޔާއަށް އެއްބާރުލުންދޭނެކަމަށް ބުނެފައެވެ. އެގޮތުން މުރްޝިދުއާބާދުގެ އިދާރީ މަސައްކަތްތަކާ ޙަވާލުވެފައިވާ އިދާރާތަކުން އަރިޖިތުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއިދާރާތަކަށް ޗީފް މިނިސްޓަރުވަނީ ގޮވާލާފައެވެ.
ޗީފް މިނިސްޓަރު މަމަތާ ބެނަޖީ މިކަމާގުޅޭގޮތުން ބޭއްވި ބައްދަލުވުމަށްފަހު ބުނެފައިވަނީ، އަރިޖިތު ނިސްބަތްވާ ވެސްޓް ބެންގޯލްގެ ވިލެޖްއެއްގައި ހޮސްޕިޓަލްއެއް ބިނާކުރުމަކީ އެކަމުން އެސިޓީގެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހައެއްކަމުގައެވެ. މިހާރުވެސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއް ސަރުކާރުން ބިނާކޮށްފައިވާ ޖަންގިޕޫރްގައި އަރިޖިތު ބިނާކޮށްދޭ ހޮސްޕިޓަލާއެކު ގިނަ ރައްޔިތުންނަށް އެކަމުން ގިނަ ފައިދާތަކެއްކުރާނެކަމަށް ޤަބޫލުކުރާކަމަށްވެސް މަމަތާ ބެނަޖީވަނީ ބުނެފައެވެ.
ޢުމުރުން 18 އަހަރުގައި މިއުޒިކާ ދާއިރާއަށް ނުކުތް ލަވަކިޔުންތެރިޔާ ގިނަ ބައެއްގެ މެދުގައި މަޤުބޫލުވެފައިވަނީ 2013ވަނަ އަހަރު ރިލީޒްވި ލޯބީގެ ފިލްމު "އާޝިޤީ2"ގެ ލަވަ 'ތުމްހީ ހޯ'އިންނެވެ. އެއަހަރުގެ އެންމެމޮޅު ލަވަކިޔުންތެރިޔާގެ ފިލްމުފެއާ އެވޯޑްވެސް އަރިޖިތުއަށްވަނީ ލިބިފައެވެ.
އޭގެފަހުން އަރިޖިތުވެފައިވަނީ ލޯބީގެ ލަވަތަކާއެކު އޭނާގެ މިއުޒިކުން ގިނަ ބައެއްގެ ހިތްތަކާކުޅެލާ އަޑޫގެ ވެރިޔަކަށެވެ. އަރިޖިތުވަނީ "ލެޓް ދެއަ ބީ ލައިޓް"ގެ ނަމުގައި އަމިއްލަ އެންޖީއޯއެއްވެސް އުފައްދާފައެވެ. މިއެންޖީއޯގެ އެހީގައި އަރިޖިތު ބޭނުންވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ އާއްމު ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްކަމަށް 36އަހަރުގެ ލަވަކިޔުންތެރިޔާވަނީ ބުނެފައެވެ.
އަރިޖިތުގެ އެންޖީއޯއިން ހިންގާފައިވާ ހަރަކާތްތަކުގެތެރޭގައި ލޭ ހޯދުމުގެ ކޭމްޕްތަކާއެކު ކުޑަކުދިންނަށް ބޭނުންވާ ފޮތްތަކާއެކު ސްކޫލްގައި ބޭނުންކުރާނެ ސާމާނު ކުދިންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.