06 May 2023, 15:07
ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓު މަތީގައި ގޮނޑިއާއި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓާލަން އާބަންކޯއިން އަންގައިފިއެވެ.
އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭވްމަންޓުގައި ގޮނޑިއާއި މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި އެ ކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާ ވެސް ލިބިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މައްސަލާގައި ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ޕޭވްމަންޓުގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން އެނގިފައިވާކަމަށް ވެސް އާބަންކޯއިން ބުނެއެވެ. އެ ކަން ހައްލުކުރުމަށްޓަކައި، ގޮނޑިއާއި މޭޒު އެ ތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް އެ ކުންފުނިން އަންގައިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ މާހައުލަކީ އެންމެނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. ވަކިން ޚާއްސަކޮށް، ހުޅުމާލޭގެ މަގުތަކަށް ބަލައިފި ނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް އެ ކުންފުނިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.