މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ތިންވަނަ ސްޓޫޑިއޯ އަލްބަމް "ސްޕީކް ނައު" އަލުން ރެކޯޑުކޮށް އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

ޓޭލާގެ ކުރީގެ ރެކޯޑް ލޭބަލްއިން އޭނާގެ މިއުޒިކްތައް އޭނާއަށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން ޓޭލާ އަންނަނީ އެ އަލްބަމްތައް އަލުން ރެކޯޑުކޮށް އޭނާގެ ނަމުގައި ރިލީޒްކުރަމުންނެވެ. އެގޮތުން "ޓޭލާސް ވާޝަން"ގެ ނަމުގައި ކުރީގެ އަލްބަމްތައް އަލުން ރެކޯޑު ކުރަނީ ޓޭލާގެ އަމިއްލަ މިލްކިއްޔާތަށް ލަވަތައް ގެނައުމަށެވެ.

ޓޭލާސް ވާޝަންގެ ދަށުން މިހާތަނަށް އޭނާ ވަނީ ދެ އަލްބަމެއް ނެރެފައެވެ. އެއީ "ފިއާލެސް" އާއި "ރެޑް" އެވެ. މިހާރު އޭނާ ރައިޓްސް ހޯދުމަށް މަސައްކަތް ކުރަނީ "ސްޕީކް ނައު"ގެ އެވެ. މި އަލްބަމް އެންމެ ފުރަތަމަ ނެރުނީ 2010 ވަނަ އަހަރުގައެވެ. މި އަލްބަމްގެ ލަވަތައް އޭނާ ލިޔުނު އިރު ޓޭލާގެ އުމުރަކީ 18 އަހަރާއި 20 އަހަރާ ދެމެދެވެ.

ޓޭލާ އަލުން ރެކޯޑުކުރާ އަލްބަމްގައި ޖުމްލަ 22 ލަވަ ހިމެނޭނެއެވެ. އޭގެތެރޭގައި ރިލީޒް ނުކުރާ އާ ހަ ލަވަ ހިމެނޭނެކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މި އަލްބަމްއަށް ފަހު ދެން އޭނާގެ ނަމުގެ ދަށަށް ގެންނަން ބާކީ އިންނާނީ ތިން އަލްބަމެކެވެ. އެއީ "1989" އާއި "ރެޕިއުޓޭޝަން" އަދި އޭނާގެ އަމިއްލަ ނަން ކިޔާ އަލްބަމެވެ.