07 May 2023, 14:39
ރާއްޖޭގެ ފަގީރުކަމުގެ މިންވަރު ކޮވިޑްގެ ކުރިން އޮތް މިންވަރަށްވުރެ ދަށްވާނެކަމަށް ލަފާކުރެވޭތީ، އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ ޢަދަދުތައް ވަރުގަދަވާނެކަމުގެ ޔަގީންކަން ވޯލްޑް ބޭންކުން ދީފިއެވެ.
ވޯލްޑް ބޭންކްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) މިއަދު ގައުމީ ޔުނިވާސިޓީގައި އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ކުރިއެރުން މިއަހަރަށް އަންދާޒާ ކުރި މިންވަރަށް ނޭރި ނަމަވެސް މި ގައުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމު ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިން އައުމާއި، ކެޕިޓަލް ސްޕެންޑިން އާއި ޕްރައިވެޓް ކޮންޒަމްޕްޝަން އިތުރުވުން ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް މަނާރަތު ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުތައް ކުރުމަށް ވަކި ޚާއްސަ ސަބްސިޑީތަކެއް ސަރުކާރުން ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހާސިލްކުރުމަށްޓަކައި ގެނެވޭ އިސްލާހުތަކުގެ ތެރެއިން މުޖުތަމައުގެ އެންމެ ނިކަމެތި ފަރާތްތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ޑެޕިއުޓީ މިނިސްޓަރު ދެއްވިއެވެ.
މަނާރަތު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި ގާއިމްކުރާ އިހަވަންދިއްޕޮޅު ބަނދަރާއި ދެކުނުގެ ހަންކެޑެގައި އިންޓަގްރޭޓެޑް ޓޫރިޒަމް ފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދު ކުރިއެރުމަށް އެހީތެރިވެދޭނެ ތަރައްގީގެ މަޝްރޫއުތަކެއް ކަމަށެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި އުމްރާނީ އިންވެސްޓްމަންޓްތަކުގެ ސަބަބުން މި ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމަކަށް ދިވެހިރާއްޖެ ވާނެކަމަށް ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާކަން މަނާރަތު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ކައިރި މުސްތަގުބަލެއްގައި ރާއްޖެއިން ބަލާނީ އެފަދަ ފައިދާހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު މިއަށް ވުރެ ވެސް ފުޅާކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ސަރުވަޝް އާދަމް ވަނީ މެދުރާސްތާގެ ރެވެނިއު ސްޓްރެޓެޖީ އާއި އާސަންދައިގެ ސަބަބުން ހުރި މާލީ ބުރަތައް ކުޑަ ކުރެވޭނެ ގޮތްތަކާއި ރާއްޖޭގައި ޓެކްސް ނެގުން ފުޅާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ވެސް ތަފްސީލުކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރަކީ ރާއްޖޭގެ އިގްތިސާދު އެންމެ ކުރިއެރި އަދި އެންމެ ވަރުގަދަވި އަހަރަށްވީއިރު، އެއަހަރަށް ވުރެ މި އަހަރު ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހިރާސްތަކާ އެކުވެސް ރާއްޖޭގެ އިގްތިސާދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. އެގޮތުން ގްލޯބަލް ރިސެޝަން އަދި އިންފްލޭޝަނުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، އާންމުންގެ ދިިރިއުޅުމަށް އޭގެ ސީދާ އަސަރު ކުރި ނަމަވެސް ކޮވިޑުގެ ކުރީގެ އަދަދުތަކަށް ވުރެ ރާއްޖޭގައި ފަގީރުންގެ ނިސްބަތް މަދުވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރުމަކީ އޭގެ ސަބަބުން ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.