ޗައިނާގެ ފެޝަން ބްރޭންޑް ކުންފުންޏެއް ކަމަށްވާ "ޝެއިން" އިން އަގުހެޔޮކޮށް މުދާ ވިއްކަނީ އެ ކުންފުނީގެ މުވައްޒަފުން ގުލާނު ކުރަން މަޖުބޫރުކޮށްގެން ނޫން ކަމަށް ޝައިންއިން ބުނެފިއެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު ހެދުމާއި އެކްސެސަރީޒް ވިއްކާ ޝެއިންއިން އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި މިހެން ބުނީ އެ ކުންފުނިން ވިއްކާ ބައެއް ޕްރޮޑަކްޓްތައް ވިއްކުމަށް މުވައްޒަފުން ލައްވާ މަޖުބޫރުން މަސައްކަތް ކުރާ ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ގޮވައިލުމާ ގުޅިގެންނެވެ.

މިކަން ހިނގާފައި މިވަނީ އެމެރިކާއިން ޝެއިންގެ ހިއްސާ ވިއްކާލުމަށް އުޅެމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި ޝެއިންއިން މުވައްޒަފުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާކަމަށް ބާރުދޭ ހެކިތައް އެބަހުއްޓެވެ. އަދި އެމެރިކާގައި އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ ކުރިން، ޗައިނާގެ އީގާ މުސްލިމުން ލައްވާ މަޖުބޫރުން މަސައްކަތް ނުކުރާކަން އޮޑިޓްކޮށް ޔަގީން ކުރުމަށް ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ)ގެ މެމްބަރުން ވަނީ ގޮވާލާފައެވެ.

ޝެއިން އިން ބުނީ އެ ކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހާ ޑިމާންޑް ބޮޑީ ކޮލިޓީ ފެންވަރުގެ ޕްރޮޑަކްޓްތައް އަގު ހެޔޮކޮށް އަވަސްކަމާއެކު ލިބޭތީ ކަމަށެވެ. އެހެންނަމަވެސް އެއީ އެއްވެސް ހާލެއްގައި ކުންފުނީގެ މުވައްޒަފުން ލައްވާ ބުރަ އަދި އުނދަގޫ މަސައްކަތް ކޮށްގެން ކުރާ ވިޔަފާރިއެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޗައިނާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ޝެއިންގެ މި އަހަރުގެ އަމާޒަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެ ކުންފުނި ލިސްޓުކޮށް، އައިޕީއޯއަކަށް ދިޔުމެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޝެއިންގެ ފެކްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވާ ދުވާލެއްގެ މައްޗަށް 18 ގަޑިއިރު މަސައްކަތް ކުރެއެވެ. މީގެ އިތުރުން ނުރައްކާތެރި ކެމިކަލް ހިމެނޭ ފޮތީގެ ހެދުންތައް އުފައްދާ މައްސަލައެއް ވެސް ފެންމަތިވިއެވެ.

ޗައިނާގައި 2008 ވަނަ އަހަރު އުފެދުނު ޝެއިން އިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ދުނިޔޭގެ ފާސްޓް ފެޝަން މާކެޓުގެ އެންމެ ކުރިއަށް ޖައްސާލާފައެވެ. ޝެއިން ގެ މައި އޮފީސް މިހާރު ހުންނަނީ ސިންގަޕޫރުގައެވެ.

ބްލޫމްބާގް ނޫޙުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު ޝެއިންގެ މުދާ ވިއްކާ މިންވަރު 60 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެއާއެކީ، އެ ކުންފުނީގެ އަގު 16 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މިއީ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ތެރޭ ހިމެނޭ ސްވިޑެންގެ ފެޝަން އޮންލައިން ކުންފުނި އެޗް އެންޑް އެމްއާ ގާތް ކުރާ އަދަދެކެވެ.