ލަޔާލް އަވަހަށް ކުޑަދޮރުތައް ލެއްޕިއެވެ. ވާރޭ ވެހެން އުޅުނަސް، ގޭތެރޭގައިވީ އާދަޔާ ހިލާފު ހޫނުކަމެކެވެ. ލަޔާލް ގޯތިތެރެއަށް ނުކުތެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން އޭނާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ހޯދައިދިނެވެ. އަސްކަނި ދަށުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި ލަޔާލް އޮށޯތެވެ. ދެލޯ މަރާލުމުން، ލަޔާލްގެ ހިތަށް ސިފަވީ އަކިއަލްގެ ސޫރައެވެ. އަކިއަލްގެ ހަނދާންތައް ލަޔާލްގެ ސިކުނޑި ވަށާލިއެވެ. އެހަނދާންތައް ދުވަހަކުވެސް ލަޔާލްގެ ހިތުން ފޮހެވިގެން ދާނީ ކިހިނެއް ހެއްޔެވެ؟

"އަހަންނަށްތަ ތި އިންތިޒާރު ކުރަނީ؟..."

*******

ފިޒާލްގެ އަޑު އިވުނީ ލަޔާލާއި ނުހަނު ކައިރިންނެވެ. ލަޔާލް ކުޑަކޮށް ސިހިފައި ލޯ ހުޅުވައިލިއެވެ. ފިޒާލް ހުރީ ވަރަށް ހިނި އައިސްފައެވެ. އަތްދިގު ކަޅު ގަމީހަކާއި ޖީންސުގައި އޭނާ ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. ފިޒާލް ޖަހައިގެން ހުރި ލުއި ސެންޓުގެ މީރުވަހުން މުޅި މާހައުލު އެއްވަސް ކުރުވިއެވެ.

"މަންމަމެން އަންނަންދެން މަޑުކޮށްލަމާ..." ލަޔާލް ތެދުވަން އުޅުމުން ފިޒާލް އެކަން މަނާކުރިއެވެ. އޭނާ ލަޔާލްގެ ކައިރީގައި އިށީނެވެ. "އެންމެންގެ ކުރިން އަންނަންވެގެން ސައިކުގަ މިއައީ..."

ލަޔާލް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. ފިޒާލްގެ އުފާވެރިކަމުގެ ސަބަބު އެނގޭތީ، ލަޔާލްގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

"ތޭންކްސް..." ދެމީހުންގެ ދޭތެރޭގައިވި ހިމޭންކަން ނެތިގެން ދިޔައީ ފިޒާލްގެ އަޑުންނެވެ. އެ އަޑުގައިވި އުފާވެރިކަން ސިއްރެއް ނުވެއެވެ. "އަހަރެން އުއްމީދެއްވެސް ނުކުރަން އަހަރެމެންގެ ކައިވެނި މިހާ އަވަހަށް ހަމަޖެހިދާނެ ކަމަކަށް..."

ދެންވެސް ލަޔާލަށް އެއްޗެއް ނުބުނެވުނެވެ. ފިޒާލާއި ކައިވެނިކުރަނީ އުފަލުން ނޫންކަން ހާމަކުރަން ލަޔާލްގެ ހިތް އެދުނެވެ. ކައިވެންޏާއި ހަމައަށް ދާއިރު، އެވަރުގެ ކަމެއް ފިޒާލަށް ސިއްރުވެފައި އޮވެގެން ނުވާނެއެވެ. އެހެނަސް، ލަޔާލަށް ހިތްވަރެއް ނުލިބުނެވެ.

"އަހަންނަށް އިތުބާރުކުރީމަ ވަރަށް އުފާވެއްޖެ..." ލަޔާލްގެ އަތްމަތީގައި އަތް ބާއްވައިލަމުން ފިޒާލް ބުންޏެވެ.

ލަޔާލް ވަގުތުން އަތް ދަމައިގަތެވެ. އެއަށްފަހު، ޖޯލިން ތެދުވެ، ފިޒާލަށް ފުރަގަސްދިނެވެ.

"ސޮރީ... ހިތްހަމަނުޖެހުނީތަ؟..." ފިޒާލް ދެރަވިއެވެ. "އަހަރެންވެސް ބޭނުމެއް ނޫން ކައިވެނީގެ ކުރިން އެހާ ގައިގޯޅިވެ އުޅޭކަށް... ސޮރީ..."

"އަހަރެން ބޭނުން ފިޒާލްގެ ކައިރީ ވަރަށް ބޮޑު ވާހަކައެއް..." ލަޔާލަށް އޭނާގެ ޖުމުލަ ފުރިހަމަކުރަން އުނދަގޫވީ، ގޭތެރެއަށް ވަދެގެން އައި ސަކީނާމެން ފެނުމުންނެވެ.

ދެކުދިން އެއްކޮށް ތިއްބާ ފެނުމުން ސަކީނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އޭނާ ވަގުތުން ބާރީގެ ގައިގައި ޖެހިގަނެފައި، އެމަންޒަރު ދައްކައިލިއެވެ.

"ދަރިފުޅުމެން ބޭރުގަ ތިތިބީޔޯ؟... ހިނގާ އެތެރެއަށް...." ސަކީނާ އެދުނެވެ.

ފިޒާލްގެ މަންމަ އާއި ބައްޕަ އެތެރެއަށް ވަންތަން ފެނުމުން، އެއިން ކޮންމެ މީހެއްގެ މޫނަށް ލަޔާލް ވަރަށް ފަރުވާތެރިކަމާއިއެކު ބަލާލިއެވެ.

"ދަރިފުޅާ ކާން ހެދިފަތަ ހުރީ؟..." ބާރީ ސުވާލުކުރިއެވެ.

ލަޔާލް ހުރީ ހާސްވެފައެވެ. ފިޒާލްގެ މަންމަމެން މާ ވަރަކަށް ބަލާތީ، އޭނާއަށް އުނދަގޫވިއެވެ. ބާރީގެ ސުވާލަށް ޖަވާބު ދިނުމަށްފަހު، އޭނާ އަވަހަށް ގޭތެރެއަށް ދެމިގަތެވެ.

އެންމެން ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ލަޔާލް އިނީ ނުކެވިފައެވެ. ލަޔާލް ތައްޔާރުކޮށްފައި ހުރި ކާއެއްޗެއްސަށް ފިޒާލްގެ މަންމަމެންގެ ފަރާތުން ތައުރީފު އޮހުނެވެ. ލަޔާލް ކަހަލަ ޅީދަރިއަކު ލިބެން އުޅޭތީ އުފާކުރާކަމުގައި ބުންޏެވެ. ސަކީނާ އިނީ އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައެވެ. ރަނގަޅު ދަރިއަކު ތަރުބިއްޔަތު ކުރެވުނީތީ އޭނާ އުފާކުރިއެވެ.

********

ބައު ދޮރެއް ހުޅުވުމުން ގޮވާ ޒާތުގެ ކުރަކި އަޑެއް މުޅި ތަނުގައި ގުގުމައިލިއެވެ. މާހައުލަށް ވެރިވެފައިވަނީ ހިމޭންކަމާއި ފަޅުކަމެވެ. އަނދިރި ކޮށްޓެއްފަދަ ބައު ޖިފުޓިގަނޑުގެ ވަށައިގެން ޖަހާފައިވާ ޓިނުތައް ފޫގޮސްގެން، ބޭރުން އެޅިފައިވާ އަލި، އެ ލޯވަޅުތަކުން އެތެރެއަށް ފޭދިފައި ހުއްޓެވެ. އެތެރެއަށް ވަދެގެން ދިޔަ ޒުވާނާގެ ފިޔަވަޅުތައް އަވަސްވިއެވެ. އޭނާ ގޮސް ހުއްޓުނީ، ރޯނުފުރި އެނދެއްގެ ކުރިމަތީގައެވެ. އެނދުގައި މުސްކުޅި މީހަކު އޮތެވެ. ޓިނުތަކުގައި ހެދިފައިވާ ލޯވަޅުތަކުން އެޅިފައިވާ އަލި އެނދުގައި އޮތް މީހެއްގެ ގަޔަށް އެޅިފައި ހުއްޓެވެ.

"އެކަންތަން ދިޔައީ ކިހިނެއް؟..." ޒުވާނާ ސުވާކުރިއެވެ.

"ނިންމާލައިފިން..." މުސްކުޅިމީހާ ބަލި އަޑަކުން ކެއްސައިލިއެވެ.

"މިއޮތީ އަހަރެން ދޭން އެއްބަސްވީ ވަރު..." އަތުގައި އޮތް ފައިސާގެ ނޫޓުތައް މުސްކުޅިމީހާގެ ކައިރީގައި ބާއްވަމުން ޒުވާނާ ބުންޏެވެ. "ޔަގީން ދޯ ދެން އެ ނިމުނީކަން..."

"އަހަރެން ކީއްކުރަން ދޮގު ހަދަންވީ؟..." މުސްކުޅިމީހާ ކެއްސަމުން ހޭން ފެށިއެވެ.

"ތިކަހަލަ މީހުންނަކީ ވަރަށް ފާޑެއްގެ ބައެއް..." ޒުވާނާގެ އަޑުގައި ޔަގީންކަމެއް ނެތެވެ. "އަހަރެން ބޭނުން ހެކި..."

"ހެއްކޭ..." މުސްކުޅިމީހާ ކުރިއަށްވުރެ ބާރަށް ހީގަތެވެ. "ކަލޭ ކުރަން އުޅުނު ކަންތައް ވީސްތަ އެކަން ނިންމާނުލިނަމަ..."

ޒުވާނާ ހިމޭންވިއެވެ. އޭނާ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އެ މޫނުން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ.

********

ކައިވެނިކުރެވޭ ދުވަސް އައިސް ޖެހުނުއިރު ލަޔާލް ހުރީ ހިމޭންވެފައެވެ. ހިތް ފޮތިފޮތިވެފައިވާ ހާލު ލަޔާލް ކެތްކުރިއެވެ. ބޭރުފުށުން ހިނިތުންވެލައިގެން އޭނާ ހުރީ ހިތުގެ އުދާސްތައް ފޮރުވައިގެންނެވެ.

"ދަރިފުޅާ... ހާދަ ލަހޭ..." ސަކީނާ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު، ލަޔާލް ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ.

ސަކީނާ ފެނުމުން، ލަޔާލް ލޯގަނޑުގެ ކުރިމަތިން ދުރަށްޖެހުނެވެ.

"ނުނިމޭތަ ދަރިފުޅާ؟..." ސަކީނާ ވަރަށް ލޯބިން ސުވާލުކުރިއެވެ. "އަވަހަށް ދާންޖެހޭނެ..."

ލަޔާލްމެންގެ ކައިވެނި ކުރަން ހަމަޖެހުނީ ކޯޓުގައެވެ. ކައިވެނި ކުރަން ހަމަޖެހުނު ގަޑީގެ ފަނަރަ މިނެޓު ކުރިން ގެއިން ނުކުތުމަށް ސަކީނާ އެދުނެވެ. އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ލަޔާލް ނުކުތެވެ. ފިޒާލްގެ އެދުމުގެ މަތިން އޭނާ ލީ އޮފީހުގެ އަހަރީ ޖަލްސާގައި ލައިގެން ހުރި ކަހަލަ ހެދުމެކެވެ. ތަފާތަކީ ހަމައެކަނި ހެދުމުގެ ކުލައެވެ. ފިޒާލް އަކީ ގަދަ ރަތްކުލައަށް ލޯބިކުރާ މީހެކެވެ. ލަޔާލްގެ ހެދުމުގެ ކުލައަކަށް ފިޒާލް ނެގީ ރަތްކުލައެވެ. އެ ހެދުން ލަޔާލްގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ.

ކައިވެންޏަށްފަހު ލަޔާލްގެ މުޅި ދިރިއުޅުން އެކީ ބަދަލުވެގެން ދާނެކަން އޭނާއަށް އެނގެއެވެ. އަކިއަލްގެ ނަން ހިތުން ނެރެ އެއްލާލަން ލަޔާލް މަސައްކަތް ކުރިއެވެ. އަކިއަލްގެ އޮޅުވާލުމުގެ ސަބަބުން އަކިއަލް އާއިމެދު ލަޔާލްގެ ހިތުގައި އުފެދިފައިވި ޝަކުވާތައް ނަފުރަތަށް ބަދަލުވިއެވެ. އެފަދަ ކެހިވެރިއެއްގެ މަތިން ހަނދާންކުރުމުގެ އެއްވެސް ބޭނުމެއް ލަޔާލަކަށް ނުވިސްނުނެވެ.

މަގުމަތިން އެތައް ބައެއްގެ ނަޒަރު ލަޔާލަށް އަމާޒުވާން ފެށިއެވެ. ލަޔާލަކީ އަންހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އޭނާއަށް ލިބިފައިވާ ލޫޅާފަތި ހަށިގަނޑާއި، ހެޔޮވަރު އިސްކޮޅަކީ ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ސިފަތަކެވެ. އާއްމުކޮށް ބޭރުތެރެއަށް ނުކުމެ ނޫޅޭތީއާއިއެކު، ބޭރުން ފެންނަ ކޮންމެ ފަހަރަކު، ގިނަ ބައެއްގެ ނަޒަރު ލަޔާލަށް ހުއްޓެއެވެ.

ކޯޓުގެ ގޯތިތެރޭގައި ފިޒާލް މަޑުކޮށްލައިގެން ހުރީ ލަޔާލްގެ އިންތިޒާރުގައެވެ. ލަޔާލް ފެނުމުން ފިޒާލްގެ ތަލިން ކުޅު ހިކުނެވެ. މިއަދު ލަޔާލް ވަކީން ރީއްޗެވެ. ވާންއުޅޭ އަނބިމީހާގެ ރީތިކަމަށް ހިތާއި ހިތުން ތައުރީފު ކުރިއެވެ. އެފަދަ އުފާވެރިކަމެއް އޭގެ ކުރިން ފިޒާލަށް ލިބިފައެއް ނުވެއެވެ. ލަޔާލް ހާސިލުކުރެވިދާނެކަމަށް ފިޒާލް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. ލަޔާލް އަރާ ހަމަވަންދެންވެސް ފިޒާލަށް ހުރެވުނީ ކަޅި ޖަހާވެސްނުލައި ލަޔާލަށް ބަލާށެވެ.

ފިޒާލް ލައިގެން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެކެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް ފިޒާލްގެ ފިރިހެންވަންތަކަން އިތުރުކުރުވާފައިވީ އޭނާގެ ސްޓައިލުންނެވެ. އިސްތަށިގަނޑު އޮތީ ގަދަ މުށިކުލައެއް ޖައްސައި، އޭގެކުރިން ލަޔާލް ނުދެކޭފަދަ ގޮތަކަށް ސްޓައިލްކޮށްފައެވެ.

ކޯޓުގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ލަޔާލްގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ، ގޮނޑީގައި އިށީނދެވުމުންނެވެ.

ޤާޒީ ވާހަކަ ދައްކަން ފެށުމުން ލަޔާލް ހާސްވާ ގޮތްވިއެވެ. ކުރެވެން އުޅެނީ ރަގަޅު ކަމެއް ނޫނޭ ހިތަށް އެރިއެވެ. "ބޭވަފާތެރިޔާ" ގެ ލަޤަބު ލަޔާލްގެ ބޮލުގައި އެޅޭ ފަދަ އިހުސާސެއް އެވަގުތު އޭނާއަށް ކުރެވުނެވެ. އަކިއަލްގެ ހަނދާންތަކުން ލަޔާލްގެ ހިތަށް އުނދަގޫ ކުރަން ފެށިއެވެ. ލަޔާލް އަކިއަލްދެކެ ވީ ހަގީގީ ލޯތްބެވެ. އެކަމަކު އެ ލޯބި ލަޔާލްގެ އަތުން ނިގުޅައިގަތީ ވެސް ހަމަ އަކިއަލްއެވެ.

ދެއަތް ދެއަތާއި މޮޑެލަމޮޑެލާ އިން ލަޔާލްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކަރުނަތައް ހިންދާލަން އުޅެއުޅެ ލަޔާލަކަށް އެކަމެއް ނުކުރެވުނެވެ.

"އަނބި ގަބޫލުކޮށްފިން..." ލަޔާލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ، ފިޒާލް ބުންޏެވެ.

ލަޔާލަށް ހިޔާލީ ދުނިޔެއިން ބޭރުވެވުނީ ފިޒާލް އޭނާގެ އަތުގައި ހިފައިލުމުންނެވެ. ލަޔާލް ފުންނޭވާއެއް ދޫކޮށްލިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް ފިޒާލަކީ މިހާރު ލަޔާލްގެ ފިރިމީހާއެވެ. ފިރިމީހާއަށްޓަކައި އަކިއަލްގެ ހަނދާންތަކާއި، ސޫރަވެސް ހިތުން ނެރެ އެއްލާލަން ލަޔާލް ހިތާއިހިތުން އެއްބަސްވިއެވެ.

ކައިވެނީގެ މަޖިލިސް ނިންމާ އެންމެން ކޯޓުން ނުކުންނަން ފެށިއެވެ. ލަޔާލްމެން ނުކުތް ތަން ފެނުމުން ސަކީނާ އާއި ސާމިޔާ ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް ދިޔައެވެ.

"މަރުހަބާ...." ލަޔާލްގެ ބޮލުގައި ފިރުމައިލަމުން ސާމިޔާ ބުންޏެވެ.

"ދަރިފުޅުމެން އިހަށް ހިނގާ ގެއަށް... ހަމަޖެހިލައިގެން އެކޮޅަށް ދާނީ..." ސަކީނާގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

އެންމެން ގެއަށް ދިޔުމަށް ހިނގައިގަތެވެ. ފިޒާލް ލަޔާލްގެ އަތުގައި ހިފައިލުމުން، ލަޔާލް ދިޔައީ ސިއްސައިގެންނެވެ. އެކަމަކު އޭނާ ފިޒާލް ދުރެއް ނުކުރެއެވެ.

"މައި ބިއުޓިފުލް ވައިފް... މިހާރު ތީ އަހަރެންގެ އަނބިމީހާ... އައި ކާންޓް ބިލީވް..." ފިޒާލްގެ އުފާވެރިކަން އޭނާގެ މޫނުން ސިއްރެއް ނުވެއެވެ.

ލަޔާލްގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅެއް ފިޒާލް އެއްފަރާތްކޮށްލަދިނެވެ. އެ ބީހިލުމުން ލަޔާލަށް އުނދަގޫވި ނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. ދެކޮޅެއްވެސް ނުހަދައެވެ.

ގެއަށް ދެވެންދެންވެސް ފިޒާލް ހުރީ ލަޔާލްގެ އަތުގައި ހިފައިގެންނެވެ. ގެއަށް ވަދެފައި ފިޒާލް ލަޔާލްގެ އަތުން ދޫކޮށްލިއެވެ. ލިބުނު މިނިވަންކަމުގައި ލަޔާލް އުޅުނީ ފިޒާލްގެ ލޯމަތިން ގެއްލޭށެވެ.

"ދަނީތަ؟..." ފިޒާލް ކުއްލިއަކަށް ލަޔާލްގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ.

ލަޔާލް ހާސްވެފައި ވަށައިގެން ހޯދައިލިއެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެއްވެސް މީހަކު ފެންނަ ހިސާބުގައި ނެތުމުންނެވެ.

"ފި..ޒާލް... އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް....." ލަޔާލްގެ ހަޔާތުގައި ކަން ހިނގާފައިވާގޮތް ފިޒާލަށް ކިޔާދޭން އޭނާ ބޭނުންވިއެވެ.

ފިޒާލް ވަގުތުން ލަޔާލްގެ ތުންފަތުގައި އިނގިލި ޖައްސައި، އެކަން މަނާކުރިއެވެ. ލަޔާލްގެ އަތުގައި ހިފައިގެން ފިޒާލް ގޮސް ވަނީ ލަޔާލްގެ ކޮޓަރިއަށެވެ.

ފިޒާލްގެ އެ އަމަލުން ލަޔާލް ޖެހިލުންވާން ފެށިއެވެ. އިސާހިތަކު މުޅިމީހާ ދާހިއްލާ ފޯވިއެވެ. ހާސްވީވަރުން ދެލޯ ބޮޑުކޮށްލައިގެން ލަޔާލަށް ހުރެވުނީ ފިޒާލް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ކައިވެނިކޮށްގެން ގިނައިރެއްނުވެއެވެ. އެހާ އަވަހަށް ފިޒާލް އުޅެނީ ކީއްކުރަން ހެއްޔެވެ؟ ފިޒާލަކީ އެހާ ކެތްތެރިކަން ކުޑަ މީހެއް ހެއްޔެވެ؟

"ފިޒާލް...އަހަ.." ލަޔާލް ވާހަކަ ދައްކަން މަސައްކަތް ކުރުމުން ދެވަނަ ފަހަރަށްވެސް ފިޒާލް އެކަން މަނާކުރީ، ކުރިންވެސް އޭނާ އެކަން މަނާކުރި ގޮތަށެވެ.

ފިޒާލް ލަޔާލްގެ ދެކޮނޑުގައި ހިފައި ގެންގޮސް ދޮރުގައި ޖައްސައިލިއެވެ. އެއަށްފަހު، ލަޔާލްގެ ނިއްކުރިން ފެށިގެން ކޯތާފަތާއި ހަމައަށް ޝަހާދަތް އިނގިލިން ފިރުމާލިއެވެ. ލިބުނު ހާސްކަމުގައި ލަޔާލަށް ލޯ މަރާލެވުނެވެ.

"މިހާރަކު ނޫންދޯ...." ފިޒާލް މަޑުމަޑުން ހީލިއެވެ. "ވަރަށް ބަނޑުހައި.... ފުރަތަމަ ބޭނުމީ އަނބިމީހާގެ އަތުން އެއްޗެއް ކާލަން..."

ފިޒާލް ދުރަށްޖެހުމުން ލަޔާލް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. ގަތް ލަދާއި، އެއްވަރަށް ލަޔާލްގެ އެތެރެހަށި އަނދައިގަތެވެ. ފިޒާލް ގަސްދުގައި ލަޔާލް ލަދުގަންނުވައިލީއެވެ. ލަޔާލްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. އޭރު ކޮންމެވެސް ވަރަކަށް އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ލަވް..." ފިޒާލް ހާސްވެފައި ލަޔާލަށް ގޮވައިލީ ނުހަނު ލޯބިންނެވެ.

(ނުނިމޭ)