10 May 2023, 08:52
ޑިޒްނީ އިން ނެރޭ ދަ ލިޓްލް މާމެއިޑް ކާޓޫނަށް ތައްޔާރުކުރާ ލައިވް އެކްޝަން ފިލްމު ކްރިޓީކުންނަށް ވަރަށް ކަމުދާ ކަމަށް ބުނެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.
ލިޓްލް މާމެއިޑްގެ ލައިވް އެކްޝަން ފިލްމެއް ނެރޭނެ ކަމަށް އިއުލާނުކޮށް ކާސްޓު އިއުލާނު ކުރުމާ އެކު ހުޅަނގުގެ ގިނަ ބައެއްގެ ފަރާތުން ލިބުނީ ނުރުހުމެވެ. އެއީ "ދޮން" ލިޓްލް މާމެއިޑްގެ ބަދަލުގައި ފިލްމަށް ކަޅު ނަސްލުގެ އެކްޓަރެއް ކާސްޓު ކުރުމުންނެވެ.
ގިނަ ބަޔަކު ބުނަމުން އައީ މިއީ ހަގީގަތާ ދެކޮޅު ވާހަކައެއް ކަމަށާއި ކަޅު ނަސްލުގެ މާމެއިޑެއް ނޫޅޭނެ ކަމަށެވެ. ކޮންމެއަކަސް ފިލްމު ރިލީޒް ކުރަން ތައްޔާރު ވަމުން އަންނައިރު މި ފިލްމަށް ވަނީ ތަފާތު އެކި ފާޑު ކިޔުންތައް ރައްދުވެފައެވެ.
https://www.youtube.com/watch?v=qcxr2xuVLUs
ނަމަވެސް މިހާރު ފިލްމު ޕްރިމިއާކޮށް ކްރިޓީކުންނާއި މީޑިއާތަކަށް އަންނަނީ ލިމިޓެޑް ސްކްރީނިން ތަކުގައި ފިލްމު ދައްކަމުންނެވެ. ފާޑު ކިޔުންތަކުގެ ވާހަކައިގައި މި ފަހަރު އިވެން ފަށާފައިވަނީ ވަރަށް ޕޮޒިޓިވް ވާހަކަތަކެވެ.
ބައެއް ކްރިޓީކުން ބުނާ ގޮތުގައި މިއީ ޑިޒްނީއިން މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ އެއް ލައިވް އެކްޝަން ފިލްމެވެ. އަދި، ޑިޒްނީގެ ކާޓޫނަކަށް ބިނާކޮށް އުފެއްދި ފިލްމުތަކުން މި ފިލްމާ ގާތް ކުރާ މިންވަރަށް އެހެން ފިލްމެއް ހެދިފައިނުވާ ކަމަށް ވެސް ބައެއް ކްރިޓީކުން ބުނެއެވެ.
އެ ކްރިޓީކުން ބުނަނީ ފިލްމު ފުރިހަމަ ނޫން ކަމަށެވެ. އެހެންނަމަވެސް ވަރަށް ހަމަޖެހިލައިގެން ފިލްމު ބަލާލެވުނު ކަމަށާއި ފިލްމުގެ ޖާދޫ އެންމެ ރީތިކޮށް ފެންނާނީ ސިނަމާތަކުން ބޮޑު ސްކްްރީނެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ފިލްމު މިހާރު ޕްރިމިއާ ކޮށްފައިވާއިރު އާންމުންނަށް މި ފިލްމު ދައްކަން ފަށާނީ މި މަހުގެ 26 އިން ފެށިގެންނެވެ.