15 May 2023, 09:44
އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަޚްތަރު 2006ވަނަ އަހަރު އުފެއްދި ފިލްމު "ޑޮން:ދަ ޗޭސް ބިގިންސް އަގެއިން"ގެ ތިންވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފިއެވެ.
މިފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރިތާ 16 އަހަރު ފުރިފައިވާއިރު "ޑޮން3"ގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ޑައިރެކްޓަރު ފަރްހާން ކުރިޔަށްގެންދާކަމަށް ރިތޭޝްވަނީ ބުނެފައެވެ. ފިލްމު "ޑޮން"ގެ ލީޑް ރޯލް ކުޅެފައިވާ ޝާހްރުކް ޚާންގެ މޮޅެތި ޑައިލޮގްތަކާއެކު މި ފިލްމު ވެފައި ވަނީ ބްލޮކްބާސްޓާއަކަށެވެ.
މި ފިލްމުގެ ބައިތަކުން މިހާތަނަށް ފެނިފައިވާ ތަރިންގެ ތެރޭގައި، ބަތަލާ ޕްރިޔަންކާ ޗޯޕްރާ، ކަރީނާ ކަޕޫރު، އިޝާ ކޮޕިކަރު، ބޮމަން އިރާނީ، އަރުޖުން ރާމްޕަލް އަދި ޕަވަން މަލްހޯތްރާ ހިމެނެއެވެ.
ބެލުންތެރިންނަށް ރިތޭޝް ދީފައިވާ އުފާވެރި ޚަބަރަކީ، ފިލްމުގެ ތިންވަނަ ބައިންވެސް އެކްޓަރު ޝާހްރުކް ޚާން ފެންނާނެކަމާއި މިބައިވެސް ޑައިރެކްޓްކުރާނީ ފަރްހާން ކަމެވެ. އޭނާ ބުނެފައިވަނީ، ފަރްހާން ފިލްމުގެ ސްކްރިޕްޓް ނިންމިހާ އަވަހަކަށް ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ކުރިޔަށްދާނެކަމަށެވެ.
ފަރްހާން ފިލްމު "ޑޮން"ގެ އާ ސްކްރިޕްޓެއް ލިޔުމުގައި މަޝްއޫލުވެފައިވާއިރު ދެން ފަށަންއޮތް ފިލްމު "ޖީލޭ ޒަރާ"ގެ ޒިންމާވެސް އޭނާގެ ކޮނޑުގައިވަނީ އެޅިފައެވެ. ފިލްމު "ޑޮން"އަށް ޝާހުއަށް ވަގުތު ދެވެންއޮތީ މިހާރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖަވާން"ގެ މަސައްކަތަށްފަހުކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު ހަތެއްގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ މިފިލްމަކީ، މިއަހަރު ރިލީޒް ކުރި "ޕަތާން"އަށްފަހު ޝާހުގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރާ އެއް ފިލްމުވެސްމެއެވެ.