ރައްޔިތުންގެ މަޖިލީހަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޭނުންފުޅުވާހާ ގޮތަކަށް، ހިންގަން އޮންނަ ތަނެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނުރުހުން ފާޅު ކުރައްވައިފިއެވެ.

ސަރުކާރާ ފެޔަށް ޖެހި، އެމްޑީޕީ ތެރޭގައި ނަޝީދު ހިންގަވަމުން ގެންދަވާ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހިމެނޭ މެންބަރުން، މަޖިލީހުގެ ކޮމިޓީތަކުން ވަކި ކުރަން އެމްޑީޕީން ވަނީ އެދިފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ 13 ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުންނަށް ބަދަލު ގެނެސް ދެއްވުމަށް އެދިފައެވެ.

މަޖިލީސް މެންބަރުން ތިއްބަވައި ވަޓްސްއެޕް ގުރޫޕެއްގައި އެކަމާ ނުރުހުން ފާޅުކުރައްވައި އެ މަނިކުފާނު ވަނީ ޕާޓީން އެދުނު ނަމަވެސް މެންބަރުންގެ ރުހުމާ ނުލައި އެ ބަދަލުތައް ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ.

"މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު އިންނަ ހިނދަކު މެންބަރުންގެ އެދުމާއި އަދި ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން އެއްވެސް މެންބަރަކު ވައްކެއް ނުކުރެވޭނެ،" ޕީޖީ ލީޑަރު އަސްލަމް އެދިލެއްވި ގޮތަށް އެ ބަދަލު ނުގެންނާނެކަން ހާމަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަނިކުފާނު ވިދާޅުވީ މަޖިލީހަކީ ރައީސް ޞާލިޙް އެދިވަޑައިގަންނަވާހާ ގޮތަކަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށެވެ.

"މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާހާ ގޮތަކަށް ހިންގަން އޮންނަ ތަނެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާ އެކު، މަޖިލީހަކީ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންފުޅުވާހާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރަށް ތާއީދުކުރައްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ ނަޝީދަށް ރައްދު ވެސް ދެއްވައިފައެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގެންދަނީ ނަޝީދުގެ ވާހަކަފުޅަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީން މަޖިލީހުގައި އެދިފައިވަނީ ކޮމިޓީތަކުގައި ތިއްބެވި ނަޝީދަށް ތާއީދުކުރައްވައި މެންބަރުން ވަކި ކޮށްދިނުމަށެވެ.

އެ ޕާޓީގެ އެތެރޭ ކޯޅުން އަނެއްކާ ވެސް ބޮޑުވެފައިވާއިރު، އިދިކޮޅު ޕާޓީތަކުގެ ސިޔާސީ ހަރަކާތުގައި އުޅުއްވާތީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ ނިންމައިފައެވެ. އެހެންވެ، އެ ޕާޓީ ތެރެ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައެވެ.