ސައުތް ސިނަމާގައި ކުރި ހޯދަމުން އަންނަ ޑައިރެކްޓަރު އެޓްލީގެ ފިލްމަކަށް ވަރުން ދަވަން ހަމަޖައްސަން އުޅޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެޓްލީ ޑައިރެކްޓްކޮށް މުރާދު ހެތާނީ ޕްރޮޑިއުސްކުރާ މިފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ފިލްމެއްކަމަށް ރިޕޯޓުތައް ބުނެއެވެ. ވަރުން ދަވަންއާއި ޑައިރެކްޓަރު އެޓްލީ ފުރަތަމަ ފަހަރަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މިފިލްމު ސިނަމާތަކަށް އަންނާނީ ކުރިޔަށްއޮތް އަހަރުގެ ހޫނު މޫސުމުގައެވެ.

މިފިލްމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވެފައިވާކަމަށް ވެސް ޚަބަރު ލިބެއެވެ. އެ ފިލްމާ ގުޅޭ ގޮތުން އެޓްލީއާއި ޕްރޮޑިއުސަރު މުރާދު ހެތާނީ ވަރުންއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައިވާއިރު މިފިލްމަށް ކިޔާނެ ވަކިނަމެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

އެޓްލީ މިވަގުތު މަސައްކަތްކުރަމުންދާ ފިލްމަކީ، ބެލުންތެރިން އެފިލްމަކަށް އެންމެ ބޮޑު އިންތިޒާރެއްކުރަމުން އަންނަ ފިލްމު "ޖަވާން"އެވެ. މިއަހަރުގެ ސެޕްޓެމްބަރު ހަތެއްގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މިފިލްމަކީ ޝާހްރުކް ޚާންއާއެކު ސައުތު ސިނަމާގެ ގިނަ ފިލްމީ ތަރިންތަކެއް ލީޑް ރޯލްއިން ފެންނާނެ ފިލްމެކެވެ.

ފިލްމު "ޖަވާން"އަކީ ގޯރީ ޚާން ޕްރޮޑިއުސްކޮށް ރެޑް ޗިލީޒް އެންޓަޓެއިންމެންޓްއިން ގެނެސްދޭ ފިލްމެކެވެ.

ވަރުން އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނައިރު އެމޭޒަން ޕްރައިމްއިން އުފައްދާ "ސިޓަޑެލް"ގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ.

ވަރުން އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޭޅިޔާ"އިންނެވެ. ދިނޭޝް ވީޖަންގެ މިފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާ އެކަން ދާދިފަހުން ވަނީ އިއުލާނުކޮށްފައެވެ.

ވަރުން މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމަކީ މިއަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ބަވާލް"އެވެ. މިފިލްމުގައި ވަރުންއާއެކު ފެންނާނީ ބަތަލާ ޖާންވީ ކަޕޫރެވެ.