17 May 2023, 14:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ އިސް މެމްބަރުންތަކެއް އެ ޕާޓީއިން މިއަދު ވަކިވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އިސްތިއުފާ ދެއްވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މުޙައްމަދު ވަހީދާއި އިމްތިޔާޒް ފަހުމީ (އިންތި)ގެ އިތުރުން ހަސަން ލަތީފާއި އިލްޔާސް ލަބީބާއި ޔާސިރު އަބްދުއްލަތީފާއި ހަސަން އަފީފާއި އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ އިތުރުން ހުސެއިން ފިރުޝާނާއި ހަސަން ޝިޔާން (ގިޓާ) އަދި މުޙައްމަދު ރަޝީދު (ބޯދިގު) އާއި ގައްދޫ އަހްމަދު ޒާހިރު ހިމެނެއެވެ.
އޭގެ ތެރެއިން އިންތި އާއި ހަސަން ލަތީފާއި އިލްޔާސާއި ޔާސިރުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އަޅަން މިދިޔަ ހޯމަ ދުވަހު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ވަނީ އެ ޕާޓީގެ ސެކްރެޓޭރިއެޓްގައި އެދިފައެވެ.
އެއީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން ނަޝީދުގެ ފެކްޝަނުން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީއާ އެކު އިއްތިހާދެއް ހަދައިގެން މަސައްކަތް ކުރަމުންދާތީއެވެ.
އެ މައްސަލައިގައި އިއްޔެ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އާޒިމް ޕާޓީން ވަކިކޮށްފައެވެ.
މަޖިލީހުގެ އެ 12 މެމްބަރުންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހިމެނޭގޮތަށް އިތުރު އިސް ބޭފުޅުންތަކެއް ވެސް އިސްތިއުފާ ދެއްވިއެވެ.
މިއީ މުޅިން ވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ފިކުރެއްގެ ދިރުމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުން އިސްތިއުފާ ދެއްވި ނަމަވެސް ނަޝީދު މިހާތަނަށް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ވަނީ އިސްތިއުފާގެ ސިޓީ މިހާރު އެމްޑީޕީގެ އޮފީހާ ހަވާލުކޮށްފައެވެ.
ނަޝީދަށް ތާއީދު ކުރައްވާ 12 މެމްބަރުން އެމްޑީޕީ އިން ވަކިވި ނަމަވެސް އަދިވެސް މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތުގައެވެ. އެ މަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ 56 މެމްބަރުން މިހާރު ވެސް މަޖިލީހުގައި އެބަތިއްބެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙާ ހިޔާލުތަފާތުވުންތަކެއް އުފެދުނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވަޑައިގަންނަވަން ނަޝީދު ހުށަހެޅުއްވި ހުށަހެޅުމަށް ރައީސް ޞާލިޙް ދެކޮޅު ހެއްދެވުމުންނެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ނަޝީދަށް ވަނީ ރައީސް ޞާލިޙާ ވާދަކުރައްވައި ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.