ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސިޓީން ފައިނަލުގެ ޖާގައެއް ހޯދީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުގައި ރެއާލް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެ ދެ ޓީމު ވާދަކުރި ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން އެގްރިގޭޓް ނަތީޖާއަށް ބަލާ އިރު، ސިޓީ ކުރި ހޯދާފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ސިޓީން ވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަަމަލާ ވެސް ރެއާލްގެ ބެލްޖިއަމް ކީޕަރު ތިބައު ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރީތި ކުޅުމަކާއެކު ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވަޑް ބެނާޑޯ ސިލްވާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއަށެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ކްރޫސް ފޮނުވާލި ބާރު ހަމަލާ، ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން އަތުގައި ޖެހި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ބެނާޑޯ ސިލްވާއެވެ. މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓު ފަހުން ރެއާލްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ފޮނުވާލި ހަމަލާ، ސިޓީގެ ކީޕަރު އެޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ސިޓީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އިލްކާއީ ގުންޑޮގަން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހާލަންޑް ފޮނުވާލި ހަމަލާ، ކުރިއަށް ނުކުމެ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ސިޓީން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. އެ ގޯލަކީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑިބްރޭނާ ނަގައިދިން ހިލޭ ޖެހުން، ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވަދެފައިވަނީ މިލިޓާއޯގެ ގައިގައި ޖެހިފައެވެ.

ރެއާލަށް މާގިނަ ފުރުސަތުތަކެއް ނުދީ ކުޅެމުންދިޔަ ސިޓީން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ފިލް ފޮޑެން ދިން ރީތި ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހާލަންޑްގެ ބަދަލުގައި ކުޅެން ނުކުތް އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އޭނާ އެ ގޯލު ޖެހީ ކުޅެން ނުކުތްތާ ދެ މިނެޓު ތެރޭގައެވެ.

އަންނަ މަހުގެ ދިހަވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ވާދަވެރި އޭސީ މިލާން ބަލިކޮށްގެންނެވެ.