18 May 2023, 13:07
ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރުންނަށް ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޖާބިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވާއިރު، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ބައެއް ޖަލްސާތަކުން ވެސް އޭނާ ބޭރުކޮށްފައިވެއެވެ.
މެމްބަރު ޖާބިރު "ސަން" އަށް ވިދާޅުވީ، މެމްބަރުންނަށް ވާހަކަދެއްކުމަށް ލިބޭ ފުރުސަތުގެ ތެރެއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަދައްޚުލުވެ، ވާހަކަދެއްކެވުމަށް ހުރަސް އަޅުއްވާ ކަމަށެވެ. އަދި، އެއްވެސް މެމްބަރަކަށް ވާހަކަ ދެއްކެވުމަށް ލިބޭ ފުރުސަތަށް ރިޔާސަތުން ހުރަސްއަޅައިގެން ނުވާނެ ކަމަށާއި، ހުރިހާ މެމްބަރުންނަށް އެ ފުރުސަތު ހަމައަށް ލިބެން ޖެހޭ ކަން ޖާބިރު ފާހަގަކުރެއްވިއެވެ.
ޖާބިރު ވަނީ މިއަދުގެ ޖަލްސާއާއި މަޖިލީހުގެ އެކި ޖަލްސާތަކުގައި މީގެކުރިންވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ މަގާމު އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރައްވަނީ ނަމަ ރައީސް ނަޝީދު އިންތިޚާބު ކުރި މެމްބަރުންނަށް، އެ މަނިކުފާނު މަގާމުން ވަކިވުމަށް ގޮވާލުމުގެ ހައްގު ލިބިގެންވެއެވެ.
އަޅުގަނޑު މެން ނޫންތޯ ރައީސް ނަޝީދު އެ މަގާމަށް އައްޔަން ކުރީ. އެކަމަކު ރިޔާސަތުން ހިތްހަމަ ނުޖެހޭ ވާހަކައެއް ބުނާ ކޮންމެ މީހަކު ބޭރު ކުރަމުން އެ ގެންދަވަނީ. މިހާރު ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ފަދައިން އަމަލު ކުރައްވަމުން އެ ގެންދަވަނީ.ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް މިހާރު ހުންނެވީ ފެއިލް ވެފައި ކަމަށާއި، އެކަން އެ މަނިކުފާނުވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމާ އެކު ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުންނާއި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ދެމެދު ބަހުގެ ހަމަލާ ބަދަލުކުރުން ވަނީ އިތުރު ވެފައެވެ. ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައި، ބައެއް މެމްބަރުންނާ މެދު ތަފާތު ކުރައްވާ ކަމުގެ ޝަކުވާ ވެސް ބައެއް މެމްބަރުން ކުރައްވާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ ބައެއް މުހިންމު ބިލްތަކުގެ މަސައްކަތް މާ ފަހަތުގައި އެޖެންޑާ ކުރައްވާ ކަމަށާއި، މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވާ އިރު، ހުއްޓުވުމަށް ފަހު ބައެއް މެމްބަރުންގެ ވާހަކަތަކަށް ރައީސް ނަޝީދު ރައްދު ދެއްވާ މައްސަލަވެސް ބައެއް މެމްބަރުން ފާހަގަކުރައްވާފައި އެބަ ހުއްޓެވެ.
ނަމަވެސް ސަރުކާރުން މަޖިލީހަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި ރައީސް ނަޝީދު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޭނުންފުޅުވާހާ ގޮތަކަށް، ހިންގަން އޮންނަ ތަނެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.