19 May 2023, 18:32
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތައްޔާރީތައް ފެށުމަށް، އެމްޑީޕީން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޕާޓީގެ ދިދަ މިއަދު ހަވީރު ނަގައިފިއެވެ.
މިއަދު ހަވީރު ހަތަރެއް ޖެހި އިރު ކުރިއަށް ދިޔަ އެ ހަރަކާތުގައި ކޮންމެ ރަށަކުން ވެސް، އެ ރަށެއްގައި ތިބި އެމްޑީޕީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ނަގާފައިވަނީ 15 ފޫޓު، 10 ފޫޓުގެ ދިދައެކެވެ.

ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ރަށްރަށުގައި ދިދަ ނެގުމުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) 'ސަން'އާ ވާހަކަދައްކަވަމުން ވިދާޅުވީ މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުން މުޅި ޕާޓީ އަދިވެސް އޮތީ އެކައްޗެއްގެ ގޮތުގައިކަން ހާމަވެގެން ދިޔަ ކަމަށެވެ. އަދި، އެމްޑީޕީއަކީ އަދިވެސް ރާއްޖޭގަ އޮތް އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި އިބުރޭ ފާހަގަކުރެއްވިއެވެ.
އިބުރޭ ވިދާޅުވީ ދިދަ ނެގުމުގެ ހަރަކާތުގެ އިތުރުން ރަށްރަށުގައި ޕޯސްޓަރު ހަރުކުރުމާ، ޕާޓީގެ މެނިފެސްޓޯއަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުން ވެސް ކުރިއަށްދާ ކަމަށެވެ.
ރަށްރަށުގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތަކީ ކުރިއަށް އޮތް މަހު ކެމްޕެއިން ފެށުމުގެ ކުރިން، ކެމްޕެއިންގެ ރޫޙު ޕާޓީގެ ތެރޭގައި އާލާ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް އިބުރޭ ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށްދާނީ މާދަމާއާ ހަމައަށެވެ. ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީގެ 400 މަންދޫބުން ވަނީ އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސްފައެވެ.

ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ރަށްރަށުގައި ޕޯސްޓަރު ހަރުކުރުމުގެ ތެރެއިން--
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދަށް ތާއީދު ކުރައްވައި މަޖިލީސް މެންބަރުން އެ ޕާޓީން ވަކިވެ، އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައިވާ ދަނޑިވަޅެއްގައެވެ.
އެހެންނަމަވެސް އެ ޕާޓީން ބުނި ގޮތުގައި އިސް މެންބަރުންތަކެއް ވަކިވި ނަމަވެސް އޭގެ ސަބަބުން ޕާޓީގެ މެމްބާޝިޕުގެ އަދަދުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެއެވެ. އަދި، އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.