19 May 2023, 22:27
ހުސްވި، މާޗު މަހު އެންމެ ގިނައިން މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަރެކްޝަންސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މުޅިން އަލަށް 44 ގައިދީއަކު ޖަލަށް ލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒު ކުރުމަށް ގެންދެވުނު 39 ގައިދީއަކާއި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ފަސް ގައިދީއެކެވެ.
ހުކުމް ތަންފީޒު ކުރުމަށް އަލަށް ޖަލަށް ލެވުނު ގައިދީންގެ ތެރެއިން 43.6 އިންސައްތަ އަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހުކުމްކޮށްފައިވާ ގައިދީންނެވެ.
ދެވަނައަށް އެންމެ ގިނައިން ހުކުމް ތަންފީޒް ކުރުމަށް ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ގުޅިގެންނެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި އަށް މީހަކު މާޗު މަހު ޖަލަށް ލާފައިވެއެވެ.
މިދިޔަ މަހު 32 ގައިދީއަކު މިނިވަން ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒް ކުރަމުންދިޔަ 19 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ހުކުމްކޮށްފައިވާ 13 މީހެކެވެ.
މިނިވަންވި ގައިދީންގެ ތެރެއިން ހުކުމް ތަންފީޒްކޮށް ނިމުނު 14 ގައިދީއެއްގެ އިތުރުން ދެން ހިމެނެނީ ކްލެމެންސީގެ ދަށުން ބަންދުން ދޫކުރި ތިން ގައިދީއަކާއި، ޕެރޯލްގެ ދަށުން މިނިވަންކުރި ގައިދީއެއްގެ އިތުރުން ކުރިން ކޮށްފައިވާ ހުކުމެއް ބާތިލް ކުރުމުގެ ސަބަބުން މިނިވަންކުރި ގައިދީއެކެވެ.