ފާއިތުވި އަހަރުގެ ބަޖެޓަށް ބަލާއިރު ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ނިސްބަތުން މަހެއްގެ މައްޗަށް ބޮލަކަށް 20،000 ރުފިޔާ ދައުލަތުން ޚަރަދު ކުރަންޖެހޭ ކަމަށް ކަމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ރޭ ވިދާޅުވެއްޖެއެވެ.

އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އިން "ކަސްޓޯޑިއަލް މެނޭޖްމެންޓް އެންޑް ސެކިއުރިޓީ"ގެ ނަމުގައި ހިންގާ ސެޓްފިކެޓް ތްރީ ކޯހުގެ ނުވަ ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފާއިތުވީ އަހަރު ދުވަހަށް ބަލާއިރު ނިސްބަތުން ކޮންމެ މަހަކު 64 މީހަކު ޖަލަށް ގެންނަންޖެހޭ ކަމަށާއި އަދި ޖުމުކޮށް ޖަލުން މިނިވަންވެގެން ނޫނީ އެނޫންވެސް ގޮތަކުން ޖަލުން ދޫކޮށްލަން ޖެހިފައި ވަނީ ނިސްބަތުން 45 މީހަކު ކަމަށެވެ.

ފާއިތުވީ އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބައްލަވާލައްވަމުން ސީޕީ ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 1489 މީހުން ބަލަހައްޓަން ޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަށް ބަލާއިރު ނިސްބަތުން ކޮންމެ މަހަކު 64 މީހަކު ޖަލަށް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ފާއިތުވި އަހަރު ދުވަހުގެ ބަޖެޓަށް ބަލާއިރު ފާހަގަ މި ކުރެވެނީ ނިސްބަތުން އަޅުގަނޑުމެންނަށް 20،000 ރުފިޔާ މަހަކު މީހެއްގެ ބޮލަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަންޖެހޭކަން،" ސީޕީ ވިދާޅުވިއެވެ.

މި މަސައްކަތްތަކާއެކު ދައުލަތުން އެކަމަށް ކުރާ ހޭދައާ ހާސިލް ކުރަން ޖެހޭ ނަތީޖާގެ ބޮޑުކަން ހާމަވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ ނަތީޖާއިން ހެޔޮއެދޭ ބަދަލު ދައްކަދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަލުގައި ހިންގޭ ރިހެބިލިޓޭޝަނަށް ޕްރޮގްރާމްތައް އިތުރުކުރަންޖެހިފައިވާ ކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރު ޖަލުގައި ހިންގި ޕްރިޒަން ބޭސްޑް ޑްރަގް ރިބެލިޓޭޝަން ޕްރޮގްރާމް ނިންމި ގައިދީން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ، ސީޕީ ވަނީ އެކަމުން ދިމާވާ ގޮންޖެހުންތައް ބޮޑު ކަމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ފުރަތަމަ ޕްރޮގްރާމުން މުޖުމައު އަށް ނެރުނު 32 މީހުންގެ ތެރެއިން 10 ވަރަކަށް މީހުންގެ ތަފާތު އެކި މައްސަލަތައް ދިމާވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ނަމަވެސް އަނެއް 22 މީހުންނަކީ މިހާތަނަށް ވަރަށް ފުރިހަމައަށް ޕްރޮގްރާމްގައި ކުރިއަށްދާ ބައިވެރީންކަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އަދި މި މައްސަލަ ދިމާވި 10 ބައިވެރީންގެ ތެރެއިން ބައިވެރިއަކު އަލުން އަނބުރާ ޖަލަށް ގެންނަންޖެހިފައިވާ ކަން އަޅުގަނޑު ފާހަގަ ކުރަން،" ސިޕީ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުންނާ މުޚާތަބު ކުރައްވާ ސީޕީ ވަނީ ކަރެކްޝަންގެ ޚިދުމަތަށް ރަސްމީކޮށް ގުޅިގެންދާއިރު އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ހިތްވަރު ދެއްވާ ނަސޭހަތްތެރިވެލައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެވަޑައިގަތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

ޕްރޮގްރާމްގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވުނު ބޭފުޅާއަށް ސެޓްފިކެޓާއި ޝީލްޑް ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.