22 May 2023, 20:19
ޓްރީޓޮޕް ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުން ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް މިހާރު ހެލްތު މިނިސްޓްރީގައި އެދިފައިވާކަމަށެވެ.
"ކިޑްނީ ޓްރާންސްޕްލާންޓަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ކުރާ ކަމަކަށް ވެފަ ކޮންމެ ފަހަރަކު ވެސް މި އޮޕަރޭޝަން ކުރުމަށް ދާންޖެހެނީ ރާއްޖެއިން ބޭރަށް ކަމަށް ވާތީ މި ޚިދުމަތް ފަށަން ނިންމީ،" އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް ދިނުމަށް ބޭނުންވާ ސެޓަޕް ވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ހުރިކަން ފާހަގަކޮށް އާދިލް މޫސާ ވިދާޅުވީ، ހުއްދަ ލިބުނުހާ އަވަހަކަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
ޓްރީޓޮޕްގައި މި ޚިދުމަތް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އޭޝިއާ ސަރަހައްދުގައި ވެސް މިފަދަ އޮޕަރޭޝަންތަކަށް ނަގާކިޔާ ކްރޮއޭޝިއާގެ ޑޮކްޓަރެކެވެ. ރާއްޖޭގެ ޑޮކްޓަރުންނަށް ވެސް މިކަމާ ގުޅޭ ތަމްރީނުތައް ފޯރުކޮށްދީ، ޝައުގުވެރި ވާނަމަ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް ޓްރީޓޮޕުން ބުނެފައިވެއެވެ.
ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތް ފަށަން މަސައްކަތްކުރި ނަމަވެސް، އެކަމާ ގުޅޭ ގަވާއިދެއް އަދި މިހާތަނަށް އެކުލަވާލެވިފައި ނުވުމަކީ ގޮންޖެހުމެއްގެ ގޮތުގައި އާދިލް މޫސާ ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖެއިން ނުލިބޭ ފަރުވާތައް ތައާރަފުކުރަން ޓްރީޓޮޕުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ މަސައްކަތެކެވެ. މިހާރު އެ ހޮސްޕިޓަލުން ވަނީ އައިވީއެފްގެ ޚިދުމަތް ފަށަން ތައްޔާރުވެފައެވެ.