23 May 2023, 13:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދަވަން ހުށަހަޅުއްވާފައިވާ 'ދަ ޑިމޮކްރެޓްސް' އަށް ރިޔާސީ އިންތިޚާބުގައި ގިނަ ވޯޓު ލިބުމަކީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ވެރިކަމަށް އައުމަށް މަގުފަހިވާ ކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މާވަށު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ "އިބޫ ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އަދި މަޖިލީހުގައި ދައްކާ ވާހަކަތަކަށް ބަލާއިރު ފެނިގެން ދަނީ އެ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައި ވާއިރު، އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް 30،000 ވޯޓު ލިބުނު ކަމުގައި ވީނަމަވެސް އެއީ އިދިކޮޅަށް ވެރިކަމަށް އަންނަން މަގުފަހިވާނެ ކަމެއް ކަމަށެވެ.
އެންމެ މަދުވެގެން 30،000 ވޯޓު ނެގި ނަމަވެސް އެއީ ޕީޕީއެމްއަށް ލިބޭ ޕްލަސްއެއް. އެއީ ޕީޕީއެމްއަށް ވެރިކަމަށް އަންނަން ފަސޭހަ ވާނެ ކަމެއް.ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު ޢަބްދުﷲ
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުމުގެ މަގު މިހާރު ފަހިވަމުން ދާ ކަމަށާއި، އެމްޑީޕީގެ ސުޕަމެޖޯރިޓީ ގެއްލުމާއެކު ސަރުކާރުގެ ތެރެއިން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރުވެސް ކުޑަވެގެން ދާނެ ކަމަށެވެ.
އަދި އިންސާފުވެރި ކަމާއެކު ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދާ ނަމަ، ރައީސް ޔާމީން މިނިވަންވެ، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ބަށްޓަން ވަމުންދާ ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ދެ ސިޔާސީ ޕާޓީއެއް ފިޔަވައި އެހެން ފަރާތްތަކުން ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށާއި، ރާއްޖޭގައި މިހާރު ހިނގާ ސިޔާސީ މަސައްކަތްތަކަށް ބަލައިލުމުން އެކަންކަން ސާފު ވެގެން ދާ ކަމަށެވެ.
މިއަދު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހު މި ބަދަލުވެގެންދާ ގޮތަށް ވިސްނާއިރުގަ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން ހަމައެކަނި ދެ ޕާޓީއެއް ފިޔަވައި ރާއްޖޭގެ ގިނަ ސިޔާސީ މީހުން ބޭނުންވަނީ މި ވެރިކަން ނިމުމަކަށް ގެންނަން. މި ވެރިކަން ބަދަލު ކުރަން.
ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދާއިރު، ވެރިކަން ކުރާ މައި ޕާޓީ ދެ ބައި ވުމާއެކު، އެމްޑީޕީ އާއި އަލަށް އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އަށް ވުރެ ގިނައިން އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓު ލިބޭނެ ކަމަށް ސިޔާސީ ބޭފުޅުން އަންދާޒާ ކުރައްވައެވެ.
އަދި ތަފާތު ޚިޔާލުގެ ބައެއް ސިޔާސީ ފަރާތްތަކުން މިފަހުން މޮރީޝަސް މައްސަލައިގައި އެއްކޮށް މަސައްކަތް ކުރައްވަން ފަށާފައި ވާއިރު، އެކަމަކީ ހަގީގަތުގައި ވެރިކަން ނިމުމަކަށް ގެނައުމަށް ފެށި މަސައްކަތެއްގެ ގޮތުގައި ބައެއް ސިޔާސީ ބޭފުޅުން ސިފަކުރެއެވެ.