24 May 2023, 08:19
ޝާހްރުކް ޚާން އަކީ ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކާމިޔާބު އެކްޓަރެކެވެ. ދާދި ފަހުން އޭނާ ވަނީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދިޔަ ސަޕޯޓަރަކާ އެކު ބައިގަޑިއިރަށްވުރެ ގިނައިރު ވަންދެން ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަދައްކާފައެވެ.
ޝިވާނީ ޗަކްރަވަތީ ނަމަކަށްކިޔާ މި މީހާގެ އެންމެ ފަހުގެ އެދުމަކަށްވީ ޝާހްރުކް ޚާންއާއި ބައްދަލުކުރުން ކަމަށް ބުނެ އޭނާގެ ދަރިފުޅު ކުރި ޓުވީޓަކާ އެކު ޝާހުގެ ޓީމުން ވަނީ އެކަން އެކްޓަރުގެ ސަމާލު ކަމަށް ގެނެސްފައެވެ.
އިންޑިއާގެ ޓީވީ ޗެނަލް އާޖްތަކްއަށް ދިން އިންޓަވިއުއެއްގައި ޝިވާނީ ޗަކްރަވަތީ ބުނެފައިވަނީ، ގާތްގަނޑަކަށް 40 މިނެޓް ވަންދެން ޝާހްރުކް ޝިވާނީއާ އެކު ވީޑިއޯ ކޯލްގައި ހޭދަކުރިކަމަށެވެ. ކޮންމެ ފަހަރަކު ވެސް ދަނީއޭ ބުނެ އަނެއްކާ ވެސް ޝާހުގެ ވާހަކަ ކުރިއަށް ގެންދިއަ ކަމަށް ޝާހްރުކްގެ މި ސަޕޯޓަރު ވަނީ ބުނެފައެވެ. ޝާހުއާއި ޝިވާނީގެ ދެމެދުގައި ކުރިއަށް ދިޔަ ވާހަކައިގެ ތެރެއިން އެކްޓަރު ގާތު ޝިވާނީގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ދައުވަތު ދިން ކަމަށާއި ޝާހުގެ ހެޔޮ ދުއާ ދަރިފުޅަށް ރައްދު ކޮށްދިނުމަށް ވަނީ އެދިފައެވެ. ޝާހު ވަނީ ޝިވާނީގެ މި ދަޢުވަތު ގަބޫލުކޮށް ޝިވާނީ ނިސްބަތްވާ އިންޑިއާގެ ކޮލްކަތާއަށް ދާނެކަމަށް ވައުދު ވެސް ވެފައި ކަމަށް އާޖްތަކްގެ އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ. ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ޝިވާނީގެ ފަރުވާއަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ޝާހުރުކް ވަނީ ބުނެފައެވެ.
ޝާހްރުކްއަކީ ވަރަށް އާދައިގެ އާއިލާއަކުން ފިލްމީ ދާއިރާއަށް ނުކުތް ފަރާތެކެވެ. ޝާހުގެ ދިގު ފިލްމީ ކެރިއަރު ކާމިޔާބުކޮށްފައިވަނީ އަމިއްލައަށް ވަރަށް ބުރަކޮށް އެ ކަމަށް މަސައްކަތް ކޮށްގެންނެވެ. ޝާހު ވަނީ ބައްޕަ މީރް ތާޖް މުޙައްމަދު ޚާންގެ ހަނދާނުގައި 2013ވަނަ އަހަރު މީރް ނަމުގައި ފައުންޑޭޝަނެއް ވެސް އުފައްދާފައެވެ. މި ފައުންޑޭޝަން ހާއްސަކުރެވިފައި ވަނީ އެސިޑްގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށެވެ. މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަން ތަހައްމަލުކުރި ދުވަސްވަރު ވެސް ޝާހު ވަނީ ވަރަށް ގިނަ ބަޔަކަށް އެހީތެރިވެފައެވެ.
ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރު އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ފިލްމު "ޖަވާން"އިންނެވެ.