27 May 2023, 22:39
އަންކަރާ (27 މެއި 2023): މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ވަރަށް ފަސޭހަ ކަމާއެކު ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ކާމިޔާބު ކުރައްވާނެކަމަށް އޭނާގެ ޕާޓީން ބުނެފިއެވެ.
އެރުދުޣާން ގެ ޕާޓީކަމަށްވާ "ޖަސްޓިސް އެންޑެ ޑިވެލޮޕްމެންޓް ޕާޓީ"ގެ ފަރާތުން ވާހަކަ ދެއްކެވި މެއުލުދް ކާވްސޮގްލޯ ވިދާޅުވިގޮތުގައި "ޖަސްޓިސް އެންޑެ ޑިވެލޮޕްމެންޓް ޕާޓީ" ގެ ފަރާތުން ކުރި އާންމު ޚިލާޔު ހޯދުމުގެ ސާވޭއަކުން ހާމަވި ގޮތުގައި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އެރުދުޣާން ވަރަށް ފަސޭހައިން ކާމިޔާބުކުރައްވާނެއެވެ.
ވޯޓުގެ ދެވަނަ ބުރުގައި އެރުދުޣާނަށް 56 ޕަސެންޓް ލިބިވަޑައި ގަންނަވާނެކަން ސާވޭން ހާމަވެފައިވާ ކަމަށާ އިދިކޮޅު ކެންޑިޑޭޓަށް 50 އިންސައްތައާ ހަމައަށް ނުދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކާވްސޮގްލޯ ވިދާޅުވިއެވެ.
މެއުލުދް ކާވްސޮގްލޯ އަކީ ތުރުކީގެ ޚާރިޖީ ވަޒީރު ވެސް މެއެވެ. އޭނާ ވަނީ ވީހާ ގިނަބަޔަކު ވޯޓުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ބުރުގައި އެރުދުޣާން އަށް ވޯޓުގެ 49.51 އިންސައްތަ ލިބިވަޑައިގެންނެވިއިރު އިދިކޮޅު މައި ލީޑަރު ކަމާލް ކެލަސްޖެރޮގްލޫ އަށް ލިބިވަޑައިގަތީ ވޯޓުގެ 44.81 އިންސައްތައެވެ. ތިންވަނައަށް ދިޔަ ސިނާން އޮޣާން އަށް ލިބިވަޑައިގަތީ ވޯޓުގެ 5.25 އިންސައްތަ އެވެ.
ދެވަނަބުރު ކާމިޔާބުކުރަން އެރުދުއާން އަށް ބޭނުންވަނީ ގާތްގަނޑަކަށް ބައި ޕަސެންޓެއްހާ ވޯޓު ކަމަށް ވެފައި ކަމާލް ކެލަސްޖެރޮގްލޫ އަށް ގާތްގަނޑަކަށް 5.4 އިންސައްތަ ވޯޓު ބޭނުންވާތީ ދެވަނަ ބުރު ކާމިޔާބުކުރަން ފަސޭހަވާނީ އެރުދުޣާން އަށް ކަމަށް ކުރިންވެސްވަނީ ބެލެވިފައެވެ.
ދެވަނަބުރު ކާމިޔާބުކުރުމުގެ ފުރުސަތު އެރުދުޣާންއަށް އިތުރަށް ބޮޑުވެގެން ދިޔައީ ތިންވަނައަށް ދިޔަ ސިނާން އޮޣާން ދެވަނަބުރުގައި އެރުދުޣާން އަށް ތާއީދުކުރަން ނިންމެވުމުންނެވެ.
ސިނާން، އެރުދުޣާން އަށް ތާއީދުކުރަން ނިންމެވީ އެރުދުޣާންގެ ފަހަތުގައި ތުރުކީގެ ކުރުދީ ޕާޓީތައް ނެތިފައި ކަމާލް ކެލަސްޖެރޮގްލޫ ގެ ފަހަތުގައި ކުރުދީ ޕާޓީތައް އޮތުމުންނެވެ. ސިނާން، އެރުދުޣާންއަށް ބައިއަތު ހިފުމަށް ކުރިމަތިކުރި ޝަރުތަކީ ދެވަނަބުރުގައި ކުރުދީ ޕާޓީތަކުގެ ތާއީދު ނުހޯދުމާ އަދި އެރުދުޣާން އެކުލަވާލާ ސަރުކާރެއްގެ އެއްވެސް މަގާމެއް ކަމާލް ކެލަސްޖެރޮގްލޫގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ބޭފުޅަކަށް ނުދިނުމެވެ.
ސިނާން މިގޮތަށް ޝަރުތުކުރެއްވީ ކެލަސްޖެރޮގްލޫގެ ކޯލިޝަންގައި ކުރުދީ ޕާޓީތައް ހިމެނޭތީއެވެ. ސިނާންއަކީ ތުރުކީގެ ކުރުދީ ދަރިކޮޅުގެ މީހުން ދެކެ ވަރަށް ރުޅިއަންނަ ބޭފުޅެކެވެ. އެއީ ކުރުދީންގެ ބައެއް ފަރާތްތަކުން ތުރުކީގައި ބަޣާވާތްކޮށް ވަކި ދައުލަތެއް އުފައްދައިގެން ވަކިވެގަތުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާތީއެވެ.
މި ހަރަކާތްތަކުގައި ކުރުދީންގެ ހުރިހާ ޕާޓީތަކެއް ޝާމިލު ނުވީ ނަމަވެސް ސިނާން ދެކެވަޑައިގަންނަވާ ގޮތުގައި ކުރުދީ ޕާޓީތަކުން ކުރުދީގެ ބާޣީންނަށް ހަމްދަރުދީ ވެއެވެ. އޭނާއަށް އެއީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ.
ތުރުކީގައި ކުރުދީންނަށް ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާ ޕާޓީއަކީ ކުރިދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އެވެ. އެއީ ތުރުކީގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރެވޭ މަނާ ޕާޓީއެކެވެ. ކުރުދީ ޕާޓީތަކުން ފާޅުގައި ޕީކޭކޭ އަށް ތާއީދު ނުކުރިނަމަވެސް އަޑިއަޑިން އެ ޕާޓީތައް ޕީކޭކޭ އަށް ހަމްދަރުދީ ފާޅުކުރާ ކަމަށް ސިނާން ދެކެވަޑައިގަންނަވައެވެ.
ތުރުކީގެ ބައިމަދު ރައްޔިތުންގެ ގޮތުގައި ކުރުދީންގެ އެތަށް މިލިޔަން ބަޔަކު އުޅެއެވެ. އެމީހުން ދިރިއުޅެނީ ތުރުކީގެ ކުރުދިސްތާން ސަރަހައްދުގައެވެ. ކުރުދީންގެ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ތާއީދުކުރީ ކެލަސްޖެރޮގްލޫ ގެ ކޯލިޝަން އަށެވެ.