28 May 2023, 09:41
ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ބްލަޑީ ޑެޑީ"ގެ ޓްރެއިލާ ލޯންޗުގައި އެކްޓަރު ބުނެފައިވަނީ ތްރިލާ ފިލްމުތައް ކުޅެން ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް އެބަހުރި ކަމަށެވެ. މިލިއަނުން ގުނާލެވޭ އަދަދަށް ސޯޝަލް މީޑީއާގައި ސަޕޯޓަރުން ތިބި އެކްޓަރު ބުނެފައިވަނީ، ކައިވެންޏަށް ފަހު ކަމަކާ ހިތްހަމަނުޖެހި ރުޅި އާދެވުނަސް އެކަން ގޭގައި އިންނަ އަންހެނުންނަށާއި ކުދިންނަށް ދައްކަން ބޭނުންނުވާ ކަމަށެވެ.
އެހެންވެ، ތްރިލާ ފިލްމުތަކުގައި އެ ރުޅިގަނޑު ބޭރުކޮށްލަނީ އެފަދަ ސީންތަކުގައި ކަމަށެވެ.
ފިލްމު "ބްލަޑީ ޑެޑީ" ރިލީޒް ކުރުމުގެ މަރުހަލާގައި އޮތްއިރު ޝާހިދު ދާދިފަހުން ވަނީ އިތުރު އެހެން ތްރިލާ ފިލްމަކަށް ވެސް ސޮއިކޮށްފައެވެ. އެއީ، މަލަޔާޅަމް ޑައިރެކްޓަރު ރޯޝަން އެންޑްރޫއާއި ޒީ ސްޓޫޑިއޯ އަދި ރޮއި ކަޕޫރު ފިލްމްސް ގުޅިގެން އުފައްދާ ފިލްމަކަށެވެ. އެ ފިލްމަށް ކިޔާނެ ވަކި ނަމައް އަދި ހަމަޖެހިފައި ނެތްއިރު ފިލްމުގައި ޝާހިދު ފެންނާނީ ލީޑް ރޯލުންނެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މި ފިލްމުގައި ޝާހިދު ކުޅެން ހަމަޖެހިފައިވަނީ ސިފައިންގެ މީހެއްގެ ރޯލް ކަމަށެވެ.
ޝާހިދު ކަޕޫރު ބުނެފައިވަނީ، ތްރިލާއާ އެކު ޑްރާމާ އެކުލެވޭ ސަސްޕެންސް ފިލްމެއްގެ ވާހަކައަކީ ވަރަށް މަދުން އުފައްދާ ފިލްމުތަކެއް ކަމަށެވެ. މި ފިލްމަކީ، ފިލްމު "ހައިދަރް"އަށް ފަހު ޒީ ސްޓޫޑިއޯސްއާއި ރޯއި ކަޕޫރު ފިލްމްސްއާ އެކު ޝާހިދު މަސައްކަތް ކުރާނެ ދެވަނަ ފިލްމެވެ.
ފިލްމީ ދާއިރާއިން ބޭރުން ހަޔާތުގެ ބައިވެރިއަކު ހޯދުމަށް ފަހު އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރަމުންދާ އެކްޓަރު މީގެ ކުރިން ވެސް ކުޅެފައިވާ 'ޑާކް ކެރެކްޓާސް"ގެ ފިލްމުތަކަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެ ތެރޭގައި ފިލްމި "ކަމީނޭ"،"އުޅްތާ ޕަންޖާބު" އަދި "ކަބީރް ސިންގް" ހިމެނެއެވެ.