06 Jun 2023, 10:22
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް މައްސަލައިގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މަޖިލީހުގެ ބާރުތަކަށް ގޮންޖެއްސެވި ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒާ ބެހޭ މައްސަލަ ބޮޑުވެ، މެންބަރުންގެ މެދުގައި ދެބަސްވުން އުފެދިއްޖެއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.
އެ މައްސަލައިގައި ބުނެފައިވަނީ ދައުލަތުގެ ވަޒީރުން އަދި ބަންޑާރަ ނައިބަކީ ވެސް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ފަރާތެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ވަޒީރުންގެ އިހްތިސާސްގެ ތެރޭގައި ކުރާ ކޮންމެ ކަމަކާ މެދު މަޖިލީހަށް ސުވާލު ކުރެވޭނެ ކަމަށެވެ.
އޭޖީ ލިޔުމުން ފޮނުއްވި ޖަވާބުގައި ބުނެފައިވަނީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނީ ރާއްޖޭގެ ބޭސްލައިން ތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ ކަމަށެވެ. މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ވާގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށާއި އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހަށް ހުށަހަޅައިގެން ކަން ބަޔާން ކޮށްދީފައިވާ ކަމަށެވެ.
"މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ގަބޫލު ކުރެއްވުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށާއި އިމްތިޔާޒްތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތެވެ." މެންބަރު ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ބަހުސް ކުރަން ހުށަހެޅޭއިރު، މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ވަކިން ވެސް ހުށަހެޅެއެވެ. މެންބަރު ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ކޮމިޓީއަށް ކަމަށެވެ. އެހެންނަމަވެސް ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އަދި އޮތީ ނުނިމި ކަމަށާއި، އެހެން ކަމުން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއެއް ނެތް ކަމަށެވެ.
އެ މައްސަލައަށް ބަހުސް ކުރުމާ މެދު ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެމްބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދިނުމާއެކު މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފައެވެ.
އެ ހިސާބުން އިދިކޮޅުގެ މެންބަރުން ވަނީ އިމްތިޔާޒްގެ މައްސަލައަށް އިސްކަން ދެއްވާ އޭޖީގެ އިތުބާރު ނެތް މައްސަލަ މަޑުޖައްސާލަން ގޮވާލާފައެވެ.
"މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިމްތިޔާޒްގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމަކަށް އިސްކަން ދޭން ޖެހޭ ކަމަށް އެބަ އޮތް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ކޮމިޓީއަށް ހުށަހެޅިފައި މިވާ އިމްތިޔާޒްގެ މައްސަލަ ނުނިމެނީސް އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް މައްސަލަ މި އިއްޒަތްތެރި މަޖިލީހުގައި ހިނގައިގެން ވާނެ ކަމަކަށް އަޅުގަނޑަށް މާނައެއް ނުކުރެވޭ". ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެސީއަކީ އެތައް މަރުހަލާއަކުން ހިންގޭ ކަމެއް ކަމަށާއި، ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލައާއެކު ކުރިއަށް ދެވޭނީ އެކަމުގައި ދިމާވާ ހުރަސްތަކާއި ދަތިތައް ކަޑައްތު ކުރުމަށް ފަހު ކަމަށެވެ.
"ތިބޭފުޅުން އަޅުގަނޑަށް އެހެން ގޮތަކަށް މަގު ދައްކަވައިފި ނަމަ، އެ މަގަކުން އަޅުގަނޑު ހިނގާނަން. ބަންޑާރަ ނައިބުގެ މައްޗަށް 13 މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުން އަނބުރާ ނުގެންދަވާހާ ހިނދަކު އަޅުގަނޑަށް މަޖުބޫރު ވޭ މި މައްސަލަ ކުރިއަށް ގެންދަން." ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށް، އިދިކޮޅުން މަސައްކަތް ކުރަނީ އޭޖީގެ މައްސަލަ މަޑުޖައްސާލަން ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމުން އިދިކޮޅު މެންބަރުން ވަނީ އަޑުގަދަ ކުރަން ފަށާފައެވެ.
އެއާއެކު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒު ކޮށްފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ވަނީ ރައީސް ނަޝީދު ކަމަށެވެ. އެއާއެކު ރައީސް ނަޝީދު ވަނީ މަޖިލިސް މެދުކަނޑާލާފައެވެ.