މިހާރު އެންމެ ރަނގަޅު ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވިއްޔާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މިއަދު އެ ޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމައިފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމަށް ފަހުގައި "ސަން"އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ނަޝީދަށް މަޖިލީހުގެ މެޖޯރިޓީ ނެތް ކަމަށާއި އަދި، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި "ބަރިބަރިއަށް" މެންބަރުން ސޮއި ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިހާރު ދެން އެންމެ ރަނގަޅު ވާނީ ނަޝީދު އަނެއްކާ ވެސް އިސްތިއުފާ ދެއްވިއްޔާ. އެ މަނިކުފާނު އިސްތިއުފާ ދެއްވާފައި މެންބަރުކަން ވެސް ދޫކުރައްވާ ވަަޑައިގެންނެވިއްޔާ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ނަޝީދަށް ދެން ކުރިމަގެއް ނެތް ކަމަށާއި މިހާރު ރައްޔިތުންގެ ލޯތްބާއި އިހްތިރާމު އޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކަމަށެވެ. އެ ހަގީގަތާ ދެކޮޅަށް މަސައްކަތް ކުރައްވައިގެން ނަޝީދަށް ނަތީޖާއެއް ހާސިލު ނުކުރެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސްކަމުގައި ހުންނެވުމަށް ފަހުގައި ވެސް ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ ކަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ، އެހެންވެ، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރަން ދެރަ ވެސް ވާ ކަމަށެވެ. އެކަމަކު، ޑިމަކްރަޓިކް އުސޫލުތައް ދޫކުރެއްވުމުން، އެ މަނިކުފާނު މަގާމުން ވަކިކުރުން ނޫން ގޮތެއް ނެތުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މިހާރު 50 މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށާއި މިއަދު އެ މައްސަލަ ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕީޖީ މެންބަރަކު ވަނީ "ސަން"އަށް ވިދާޅުވެފައެވެ.

މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.