09 Jun 2023, 17:15
ފިނި މޫސުމުގެ ދުވަސްވަރު ނުވަތަ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒިނާ ދިމާކޮށް ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވަން ހަމަޖެހިފައިވެއެވެ.
އެގޮތުން ލަންޑަން ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓާ ދެމެދު ދަތުރުތައް އޮންނާނީ ހަފުތާގެ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަން ހީތުރޯ އެއާޕޯޓަށް ދަތުރުތައް ބާއްވާނީ ހޯމަ ދުވާހައި، ބުރާސްފަތީގެ އިތުރުން ހޮނިހިރު ދުވަހެވެ.
ވާޖިން އެޓްލާންޓިކުގެ ފުރަތަމަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ގައެވެ.
ވާޖިން އެޓްލާންޓިކުން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުން 34 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ޝަންހާއީ އާއި ދެލީ، މުމްބާއީ، މަޔާމީ އަދި ވޮޝިންޓަން ހިމެނެއެވެ.
ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް ބާއްވަން ހަމަޖެހިފައެވެ. ހަމައެއާ އެކު މި އަހަރު ތެރޭ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ބާއްވަން ފަށައިފައި ވެސް ވެއެވެ.