ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް ދާ ހައްޖާޖީންނަށް ލޮކޭޓިން ޑިވައިސްއެއް ދިނުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މި އަހަރުގެ ޙައްޖު އަޅުކަމުގައި ބައިވެރިވުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ ޙައްޖުވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ ލޮކޭޓިން ޑިވައިސް ދޭން ނިންމާފައިވަނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ ކަމަށް ބެލެވޭ ޙައްޖުވެރިންނަށް ކަމަށެވެ. އެގޮތުން އެފަދަ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ޙައްޖުވެރިން ސައުދީ އަރަބިއްޔާއަށް އެތެރެވާ ހިސާބުން އެ ޑިވައިސް ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި ޑިވައިސްގެ އެހީގައި ޙަރަމްފުޅު ތެރެއިންނާއި، ޙައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުން މީހަކު ގެއްލުނު ކަމުގައިވީ ނަމަވެސް އެ މީހަކު ހުރިތަން ދެނެގަނެ، ހޯދަން ފަސޭހަ ވެގެންދާނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ މައްކާއަށް ފުރާ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 296 ޙައްޖާޖީންނެވެ. މާދަމާއިން ފެށިގެން އެކި ދުވަސްމަތިން ދިވެހި ޙައްޖާޖީން ފުރަމުން ގެންދާނެއެވެ.

ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.

ޙައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަންދާ މީހުން ގެއްލޭ މައްސަލައަކީ ކޮންމެ އަހަރަކު ވެސް ފެންމަތިވާ މައްސަލަތަކެވެ.