17 Jun 2023, 16:20
ހައްޖާޖީންނަށް އެހީތެރިވުމުގައި އެމްޓީސީސީން އަބަދުވެސް ދެމި ތިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވަނީ މި އަހަރު ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާއިލާގެ މީހުން ހިމެނޭ ގޮތަށް 1،211 ފަސިންޖަރުން އެއާޕޯޓަށް ގެންގޮސްދީފައެވެ. އެގޮތުން މާލޭގެ ދެ ރޫޓެއްގައި 10 ބަހާއި، ފޭސް އެކަކާއި ފޭސް ދޭކުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ހަމައަށް ހުޅުމާލޭގެ ދެ ރޫޓެއްގައި އިތުރު ނުވަ ބަސް ވަނީ ބޭނުންކޮށްފައެވެ.
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިދިޔަ އަހަރުވެސް ހައްޖާޖީން އެއާޕޯޓަށް ގެންގޮސްދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރާ ޚިލާފަށް މިއަހަރު އެ ކުންފުނީގެ ވަސީލަތްތައް އިތުރަށް ފުރިހަމަވެފައިވާތީ ކުރީއަހަރަށްވުރެ ފުޅާކޮށް ޚިދުމަތްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ހައްޖާޖީން މާލެއަށް މި އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން. ދެން ހުރިހާ ހައްޖާޖީންނަށް ވެސް އެންމެ ފަސޭހަ ގޮތުގަ މިކަން ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ކަންކަން ކޮށްދިނުމުގައި ތިބޭނަން. މިފަދަ ކަމެއް ކޮށްދިނުމުގެ ފުރުސަތު ލިބިއްޖެނަމަ ދެން ވެސް ވަރަށް އުފާވާނެއެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ބެލުމުގެ ދަށުން ހިލޭ ސާބަހަށް ކޮށްދޭ މި ކަމަކީ ހައްޖާޖީންނަށް ބޭނުންވާ ވަރަށް މުހިންމު ޚިދުމަތެއް ކަމަށާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ މުހިންމު ގަޑިގަޑީގައި ރައްޔިތުންނަށް ޖެހޭ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ. އެގޮތުން އެމްޓީސީސީން އަބަދުވެސް ތިބޭނީ ސަރުކާރާ އެއް ލައިނެއްގަ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބެލުމައްޓަކައި އެންމެ ފުރަތަމަ ރޭވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގަ އަޅުގަނޑުވެސް ދިޔައިން. ކުންފުނިން އެންމެ އިސްކަމެއްދޭ އެއް ކަންތައް އެއީ ރައްޔިތުން ބޭނުންވާ ގޮތަށް ކޮންމެ ކަމެއް ވެސް ކުރަން. އެހެންވީމަ ރައްޔިތުންނާ ވާހަކަ ދައްކާ ވަރަށް ގާތުން މިކަން ވެސް އަޅުގަނޑުމެން ބަލަމުން މިދަނީ. ހައްޖާޖީންގެ ފަރާތުން ވެސް ލިބިގެން ދިޔައީ ހިތްހަމަޖެހުނު ފަދަ ޖަވާބެއްއެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ހައްޖާޖީން ފުރުވަން އާއިލާގެ މީހުން ހިމެނޭހެން ގިނަ ބަޔަކު އެއްފަހަރާ އެއާޕޯޓަށް ދާއިރު ބާރު ބޮޑުވެ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެމްޓީސީސީގެ ބަހުގައި ހައްޖާޖީން ގެންދިޔުމުން ހުރިހާގޮތަކުން ވެސް ހައްޖާޖީންނަށް ފަސޭހަވި ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.