18 Jun 2023, 16:51
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކާމިޔާބުކުރައްވާނީ 'ރާއްޖެ ކައްކުވާލާ'ފަދަ ބޮޑު ކެމްޕެއިނެއް ކުރުމަށްފަހުކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން މިނިވަންވާނެކަމާމެދު ޝައްކުނުކުރައްވާކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމާމެދުގައި ވެސް އެއްވެސް ޝައްކެތް ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ މަނިކުފާނުގެ ޝަރީއަތަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެކަމަށާއި ކޯޓުތަކުގައި މިނިވަންކަން އޮތްކަން ޔަގީންވާފަދަ މަންޒަރުތައް ފެންނަކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ހިނދު އަޅުގަނޑުމެން ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ ކޯޓު މަރުހަލާގެ ތެރެއިން ރައީސް ޔާމީން މިނިވަންވެވަޑައިގެން ރާއްޖެ ކައްކުވާލާ ފަދަ ކެމްޕެއިނަކާ އެކީގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި އިންތިޚާބު ކާމިޔާބުކުރެވޭނެކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިއްޔެ އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުން ޕީޕީއެމުން ހޯދި ކާމިޔާބަކީ މިއަދު ސަރުކާރާމެދު ތާއީދުކުޑަވެފައި އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
"ހަމައެއާއެކީގައި ޕީޕީއެމްގެއ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނަށް ވަރަށް ބޮޑު ތާއީދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ އޮތްކަން. މި ހިސާބުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ މި ސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އޮތް މިންވަރު އަދި ހަމައެއާއެކީ އަޅުގަނޑުމެންނަށް އެބަ އެނގޭ ސަރުކާރު ނިންމަންޖެހޭކަން ރައްޔިތުންގެ ވޯޓުން އެބަ ބުނާކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ ކަމަކަށް ބަލާއިރު ޕީޕީއެމަށް ފެންނަ މަންޒަރަކީ ކުރިއަށް އޮތް އިންތިޚާބު ރައީސް ޔާމީނަށް ފަސޭހަކަމާއެކު ކާމިޔާބުވާނެ މަންޒަރުކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މިހާރު ޕީޕީއެމްގެ ހަރަކާތްތައް ބައްޓަންކުރަމުން އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ކުރިއަށް އޮތް އިންތިޚާބާ ދެމެދު އޮތް މުއްދަތުގައި ސަރުކާރުން ކޮށްފާނެ ކަމަކާމެދު ސަމާލުވުމަށްކަމަށެވެ.
އިދިކޮޅުން އަންނަނީ މިހާރު ވެސް މާލޭގައި އެކި އެއްވުންތައް ބާއްވަމުން އާދެއެވެ. އެއީ ސަރުކާރާމެދު ނުރުހުން ފާޅުކޮށް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލައި ބާއްވާ އެއްވުންތަކެކެވެ.
ވަރަށް އަވަހަށް އަތޮޅު ތެރެއަށް ކެމްޕޭން ދަތުރުތައް ފަށާނެކަމަށް ޕީޕީއެމުން މީގެ ކުރިން ބުންޏެވެ.