ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ހުޅުވާލާ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހް މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހަޅުއްވާފައިވާ މި އިސްލާހުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާން ބޭނުންވާ ބޭފުޅުންނަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސް ވީ ވޯޓުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ ކުރިން ޤާނޫނު އޮތް ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ތިނެއްގެ ނިޔަލަށެވެ. އެހެންކަމުން މިއަދު ފާސްކުރި އިސްލާހާ އެކު މި މުއްދަތު 14 ދުވަހަށް އިތުރު ކުރެވޭނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައެވެ. އަދި މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30ގައެވެ.