ކުޅުދުއްފުށިން މިރޭ ގެއްލިގެން ހޯދަން ފެށި ޒުވާނަކު، ހޯދަން ފެށިތާ ގަޑިއިރެއް ވެސް ނުވެ ފެނިއްޖެއެވެ.

ގެއްލިގެން ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިރޭ 9:51 ހާއިރު އިއުލާން ކުރީ އެ ރަށު ބޮޑުޝީޓުގެ، އަހްމަދު ރަމީޒެވެ.

އޭނާ ރޭ ދަންވަރު 12:30އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، ކައުންސިލުގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެ އިއުލާން ޖެހިތާ ގަޑިއިރެއް ވެސް ނުވަނީސް، އޭނާ އަމިއްލަަށް ވަނީ ގެއަށް ގޮސްފައެވެ.

ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓުކޮށްފާނެ ފަދަ ކަންކަން މަޖަލަކަށް ނަމަވެސް ނުކުރުމަށް ފުލުހުން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭ ގެއްލިގެން ހޯދަން ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު އަށަކަށް އަރައެވެ. އޭގެ ތެރެއިން ހަތަރު މައްސަލައަކީ މިދިޔަ މަހާއި މި މަސް ހިމެނޭހެން ރިޕޯޓު ކުރި މައްސަަލަތަކެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވީ އަމިއްލައަށް ގެއްލުން ފަދަ ކަންކަމަކީ ސަމާސާކުރުމުގެ ގޮތުންކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެއީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެފަދަ ރިޕޯޓުތައް މަޖަލަކަށް ކުރުމަކީ އާންމު ރައްޔިތުން ބިރުވެރިކަމަކަށް ވެއްޓި ފުލުހުންގެ ޚިދުމަތް ދިނުމުގައި ވެސް އިސްކަންދޭ ތަރުތީބަށް ފުށޫއަރާނެ ކަމެއް ކަމަށް ޔޫނުސް ވިދާޅުވިއެވެ.