20 Jun 2023, 18:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ގަބޫލު ކުރައްވައި، އެ މަނިކުފާނު މަގާމުން ދުރުކުރަން ބޭނުންވާ 60 މެންބަރުން އެބަ ތިބި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 54 މެންބަރުންގެ ސޮޔާ އެކުއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސޮއި ކުރެއްވީ މަޖުބޫރު ހާލަތެއްގައި "އިތުރު ގޮތެއް" ނެތިގެން ކަމަށް ބައެއް މެންބަރުން އެ މަނިކުފާނަށް ގުޅުއްވާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމުމަށް ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުން ވަގުތުން ވަގުތަށް ސޮއި ކުރެއްވި ކަމަށެވެ.
އެ ދުވަހުގެ ހަ ގަޑިއިރު ތެރޭގައި 54 މެންބަރުންގެ ސޮއި އަޅުގަނޑުމެންނަށް ހަމަވެގެން ދިޔަ. އަމިއްލަ ފުޅަށް ވަޑައިގެން ސޮއި ކުރެއްވީވެސް ހަމަ. އެއްވެސް ބޭފުޅަކަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން މިކަން ކުރިތަނެއް އަޅުގަނޑަކަށް ނުފެނޭ. އޭގެ އިތުރަށް ހަ ބޭފުޅަކު އަޅުގަނޑަށް ގުޅާފަ ވިދާޅުވެފަ އެބަވޭ ތިމަންނަ މެން ވޯޓު ދެއްވާނަމޭއެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކައާ ގުޅިގެން އެފަދަ ނުފޫޒެއް އޮތް ކަމަށް ބެއްލެވި ކަމަށާއި، ނަމަވެސް ރައީސް ނަޝީދު މަގާމުން ވަކިކުރަން ސޮއި ކުރެއްވި އެއްވެސް މެންބަރަކު އެފަދަ ވާހަކައެއް ވިދާޅުވެފައި ނުވާ ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާއިރު، އެކަމަށް ހައްލު ހޯދުމަށް ކޯޓަށް ވަޑައިގެންނެވުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ އެއްސެވުމުން އަސްލަމް ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ވީ ހިނދު، މަޖިލީހުގެ މައްސަލައެއް ނިންމަން ކޯޓަށް ދާން ޖެހުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
އެހެންކަމުން، ކޯޓަށް ވަޑައިނުގެން މަޖިލީހުގެ ތެރެއިން އެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަޑައިގަންނަވަން ތައްޔާރަށް ތިއްބެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ތިން ދުވަހުގެ މުއްދަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތު ބެލެހެއްޓެވުމަށް ފަހު އެ މުއްދަތު ހަވަވުމުން ދެން ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ކަނޑައަޅުއްވާފައެއް ނުވެއެވެ.