މިހާތަނަށް ބާއްވާ ކާބޯތަކެތީގެ އެންމެ ބޮޑު ކާނިވާ "އާބަންކޯ މޯލްޑިވްސް ފުޑް ކާނިވާ" ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވީރު ބޭއްވި ހަފްލާގައި އާބަންކޯ ފުޑް ކާނިވާ ފައްޓަވައިދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދެވެ.

ތިންކް އެސޯސިއޭޝަނާއި، ޓޭސްޓް އަދި އާބަންކޯ ގުޅިގެން ކުރިއަށްގެންދާ މި ފުޑް ކާނިވާހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި މި ފުޑް ކާނިވަލަކީ ރާއްޖޭގައި މިފަދަ ގޮތަކަށް ބާއްވާ އެންމެ ބޮޑު ފުޑް ކާނިވާ ކަމަށެވެ.

މިކާނިވާ ޙާއްޞަކޮށްފައިވަނީ ހަމައެކަނި މާލެ އަދި ހުޅުމާލޭގައި ދިރިއުޅެމުންދާ މީހުނަށް އެކަނި ނޫންކަމަށާއި، މާލެ ސަރަހައްދުގެ ރަށްތަކުގައި އުޅެމުންދާ މީހުނަށްވެސް މި ފެއާގައި ޙާއްޞަ ކަމަށް އާތިފް ވިދާޅުވިއެވެ.

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލުގެ އެސްއެސްނެޓްގެ ސްޓޯލް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

މި ފުޑް ކާނިވަލްގައި މި ދާއިރާގެ އެންމެ މަތީ ކުންފުނިތައް ބައިވެރިވާކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، މިފަދަ ފުޑް ކާނިވަލްތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށްދިއުމުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނޭކަމަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ، މިފަދަ ކަންކަމުގައި ދިރާގުން ބައިވެރިވުމަކީ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، ކުދި ވިޔަފާރިތައް ކުރިއެރުވުމަކީ ދިރާގުން ވަރަށްބޮޑު އަހަމިއްޔަތު ކަމެއްދޭ ކަމެއްކަމަށެވެ.

ދިރާގަކީ އާބަންކޯ ފުޑް ކާނިވަލުގެ މެއިން ސްޕޮންސަރެވެ. އާބަންކޯ ފުޑް ކާނިވަލުގައި ރާއްޖޭގެ ފުޑް އެންޑް ބެވަރޭޖް ދާއިރާގައި ހަރަކާތްތެރިވާ ނަގާކިޔާ ކުންފުނިތަކުން ބައިވެރިވާއިރު، ކުދި އަދި މެދުފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިތަކުންވެސް ބައިވެރިވެއެވެ. މި ކާނިވަލުގައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބަހައްޓާފައިވާއިރު، ކާނިވަލަށް ޒިޔާރަތްކުރާ މީހުނަށް އުފެއްދުންތަކުގެ ރަހަތައް ތަޖުރިބާކޮށްލެވެއެވެ.

އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލުގެ ސްޓޯލެއް-

މިގޮތުން ކާނިވާ ތެރޭގައި ރާއްޖޭގެ އެހާރާއި މިހާރުގެ ރަހަތައް ތަޖުރިބާކޮށްލެވެއެވެ.

ފުޑް ކާނިވާތެރޭގައި ތަފާތު އެކިއެކި ހަރަކާތްތައްވެސް ކުރިއަށްދެއެވެ. އޭގެ ތެރޭގައި ބިރުވެރި ހޮހަޅަ، ފާހަގަކޮށްލެވެއެވެ.

މި ފެއާގައި ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކުގެ އިތުރުން، އިތުރު ވިޔަފާރިތައްވެސް ބައިވެއެވެ. މީގެ ތެރޭގައި ކޭބަލްނެޓްގެ ޚިދުމަތްދޭ އެސްއެސްނެޓާއި، ސިމްޑީ، ދިވެހި އިންޝުއަރަންސް އަދި ޝޭޑީކެބިން ފާހަގަކޮށްލެވެއެވެ.

އާބަންކޯ ފުޑް ކާނިވާ ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.