ބެލުންތެރިންގެ ފަރާތުން ފާޑުކިޔުންތައް ރައްދުވިނަމަވެސް ފިލްމީ ދާއިރާގައި ސާބިތުވެ ހުންނާނެކަމަށް އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.

ތިރީސްއަހަރަށްވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާއިރު ބޮކްސް އޮފީހުގައި ނާކާމިޔާބީއާވެސް ކުރިމަތިލާން ޖެހުނުކަމަށް އަކްޝޭވަނީ ބުނެފައެވެ. އެހެންނަމަވެސް އެހުރިހާ ނާކާމިޔާބީއަކާވެސް ކުރިމަތިލާން ބޭނުންކުރާ އުކުޅުތައްހުރީ ދަސްވެފައިކަމަށް އަކްޝޭވަނީ ބުނެފައެވެ.

ހިންދީ ސިނަމާގެ ކިލާޅީގެ ނަމުން މަޝްހޫރުވެފައިވާ އެކްޓަރަކީ 90އިގެ އަހަރުތަކުގެ އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު އެއް އެކްޝަން އެކްޓަރެވެ.

ދާދިފަހުން މީޑއާއަށް ދިން އިންޓަވިއުއްގައި އަކްޝޭ ބުނީ، ފިލްމީ ދާއިރާގައި ލިބޭ ކާމިޔާބީއާއެކު ވަރަށް ގިނަ ބައެއްގެ ތަޢުރީފުވެސް އެކްޓަރުންނަށް ލިބޭ ކަމަށެވެ. އެހެންނަމަވެސް ފިލްމެއް ފެއިލްވާ ހިސާބުން ގިނަ ބައެއްގެ ފާޑުކިއުންތައްވެސް އެކްޓަރުންނަށް އަމާޒުވާކަމަށެވެ.

މިއީ ފިލްމީ ދާއިރާގެ ކަންކަން ހިނގާ އުސޫލުކަމަށާއި އަކްޝޭވެސްވަނީ އެކަން ތަޖުރިބާކޮށްފައިކަމަށް އެކްޓަރުވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ޙާލަތްތަކާ ކުރިމަތިލާން އަމިއްލަ ނަފުސު ތައްޔާރުކުރެވިފައިވުމީ އެކަމާމެދު އަކްޝޭ ފަޚުރުވެރިވާކަމެއްކަމަށްވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ، ހިތުގައި އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކުރިޔަށްދާ ދާއިރާއެއްކަމަށާއި އެއްވެސް ފަރާތަކަށް އެކަމަށް ހުރަސްއެޅުމުގެ ބާރު ނުދޭނެކަމަށް އަކްޝޭވަނީ ބުނެފައެވެ.

ދާދިފަހުން ރިލީޒްވި އަކްޝޭގެ ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދުނު ފިލްމުތަކެއް ނޫނެނެވެ. އޭގެތެރޭގައި، ފިލްމު "އަތުރަންގީރޭ"، "ރަކްޝާ ބަންދަން"، "ރާމް ސެޓޫ" އަދި "ސެލްފީ" ހިމެނެއެވެ. އިންޑިއާއިން އަރުވާ ޕަދުމާ ޝްރީ ޝަރަފު ހާސިލްކޮށްފައިވާ އެކްޓަރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބަތަލާ ޕަރިނީތީއާއެކު ކުޅޭ ފިލްމު "ދަ ގްރޭޓް އިންޑިއަން ރެސްކިއު" އަދި "އޯ މައި ގޯޑް"އިންނެވެ.