ބަތަލާ ވިދްޔާ ބާލަންގެ ކުރިޔަށްއޮތް ފިލްމު "ނީޔަތު"ގެ ޓީޒާއާއެކު ފިލްމު ރިލީޒްކުރާނެ ދުވަސް އިއުލާނުކޮށްފިއެވެ.

ކުރިޔަށްއޮތް ޖުލައިމަހުގެ ހަތްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މިފިލްމަކީ، ޑައިރެކްޓަރު އަނޫ މެނޮންގެ ފިލްމެކެވެ. ވިދްޔާ ބާލަންވަނީ އަނޫ މެނަންއާއެކު 2020ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޝަކުންތަލާ ދޭވީ"ނަމަކަށްކިޔާ ފިލްމެއްގައިވެސް މަސައްކަތްކޮށްފައެވެ.

ފިލްމު "ނީޔަތު"ގެ ފުރަތަމަ ޓީޒާއާއެކު މިފިލްމުގެ ވާހަކަ ނިމޭނީ ކިހިނެއްކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެކަމަށް ވިދްޔާވަނީ ބުނެފައެވެ.

ފިލްމުގައި ހިނގާ ގޮތް ނޭނގޭ ގިނަ ކަންތައްތަކެއްގެ ހަޤީޤަތް ޖުލައިމަހުގެ 7ގައި ތިއޭޓަރަށް ގޮސްގެން ބަލާލުމަށް ވިދްޔާވަނީ ބެލުންތެރިންގެ ފަރާތުން އެދިފައެވެ. މިފިލްމުގައި ވިދްޔާ ފެންނާނީ، އިންޑިއާގެ ބިލިއަނަރެއް ދޭ ޕާޓީއެއްގެތެރޭގައި ހިނގާ މަރުގެ ޙާދިސާތަކެއް ތަހުގީގުކުރާ ޑިޓެކްޓިކްއެއްގެ ރޯލްއިންނެވެ.

ވިދްޔާގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭގައި، އެކްޓަރު ރާމް ކަޕޫރު، ރާހުލް ބޯސް، ނީރަޖް ކަބީ، ޝަހާނާ ގޮސްވާމީ، ނިކީ ވާލިއާ އަދި މާދަވް ދެވަލް ހިމެނެއެވެ. މިފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ ވާހަކަވެސް ލިޔެ ތައްޔާރުކޮށްފައިވަނީ، އަނޫ މެނޮންއެވެ. އަނޫ މެނޮންއަކީ، އެމޭޒަން ޕްރައިމްއިން ގެނެސްދިން މަގުބޫލު ވެބް ސީރީސް "ފޯ މޯ ޝޮޓްސް"ގެވެސް ޑައިރެކްޓަރެވެ.

ބޮލީވުޑްގެގިނަ ފިލްމުތަކުން ފެނިފައިވާ ކާމިޔާބު ބަތަލާ ވިދްޔާއަކީ އަބަދުވެސް ވަރަށް ތަފާތު ރޯލްތަކުން ބެލުންތެރިންނަށް ފެނިފައިވާ ބަތަލާއެކެވެ. އޭގެތެރޭގައި، ފިލްމު "ދަ ޑާޓީ ޕިކްޗަ"، ފިލްމު "ޕާ"، "ތުމާރީ ސޫލޫ" އަދި "ކަހާނީ" ހިމެނެއެވެ. މިފިލްމުތަކުގެތެރެއިން ދާ ޑާޓީ ޕިކްޗާ"އިން ބަތަލާއަށްވަނީ ނެޝަނަލް އެވޯޑްވެސް ލިބިފައެވެ.

ދިވްޔާގެ ފިލްމެއް ތިއޭޓަރަށް އަންނަން ހަމަޖެހިފައިމިވަނީ ތިން ފިލްމެއް ޑިޖިޓަލް ޕްލެޓްފޯމްއެއްގައި ރިލީޒްވުމަށްފަހުއެވެ. ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތިން ފިލްމަކީ، ފިލްމު "ޖަލްސާ"، "ޝޭރްނީ" އަދި "ޝަކުންތަލާ ދޭވީ"އެވެ. ފިލްމު "ނީޔަތު"ގެ އިތުރުން ވިދްޔާ އަންނަނީ "ލަވާސް"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތްވެސް ކުރަމުންނެވެ.