ރިޓްޒް ކާލްޓަން މޯލްޑިވްސްގައި ފަތުރުވެރިއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރާކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފުލުހަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ނަމަވެސް، މައްސަލަ ހުށަހެޅުމާ އެކު ފޮރެންސިކް ޓީމެއް އެ ރިސޯޓަށް ގޮސް، ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލްތަކާއި ފުރަތަމަ ބަޔާން ދެ މީހުންގެ ފަރާތުން ނަގާފައި ވާކަމަށް ފުލުހުން ބުނެޏެވެ. އަދި އިތުރު ފިޔަވަޅެއް އަޅާނީ އެ ސާމްޕަލް ތަކުގެ ނަތީޖާ ލިބުމުން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާކަމަށް ބުނާ އަންހެން މީހާއަށް ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ޖިންސީ ގޯނާގެ މައްސަލަތަކަކީ އެންމެ ބޮޑު ސަމާލުކަމެއް ދީގެން ފުލުހުން ބަލާ މައްސަތައް ކަމަށެވެ. އެގޮތުން މި މައްސަލައަކީ ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ބަލާ މައްސަލައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދެމިއޮންނަނީ ޤާނޫނު ހިފެހެއްޓުމާއި، ހުރިހާ ފަރުދުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމާއި، އިންސާފު ކަށަވަރުކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މައްސަލަ ވެސް އިންސާފުވެރި ހައްލަކަށް ގެނައުމަށް ގަދައަޅައި މަސައްކަތް ކުރާކަމަށް ފުލުހުން ބުންޏެވެ.