24 Jun 2023, 11:17
ރިޔާސީ އިންތިޚާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބަށް ވާދަކުރުމުގެ ފޯމު ހުށަހަޅަން ކުރިން ދެނީ 10 ދުވަހެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ގާނޫނަށް ގެނައި ބަދަލާއެކު މިހާރު ވަނީ ހަތަރު ދުވަސް އިތުރުކޮށް، އެ މުއްދަތު 14 ދުވަހަށް ބަދަލުކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށާއި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް ނުވައެއް ވާ ބުދަ ދުވަހު ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އިންތިޚާބާ ގުޅިގެން ޤާނޫނަށް ގެނެވުނު އިސްލާހާއެކު ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް ކުރަން ހުރި ހުރިހާ ކަމެއް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އެންމެ އުނދަގޫ ކަމަކަށް އޮތީ އޮފިޝަލުން ހޯދުން ކަމަށް ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ދެހާހެއްހާ އޮފިޝަލުން އަދި ލިބިގެން މިދިޔައީ. އެހެންނަމަވެސް މިކަން ވެސް ކުރިއަށް އޮތް ތަނުގައި ހައްލުވެގެންދާނެ ކަމަށް މި ބަލަނީ. އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓްތަކެއް ރަށް ރަށުން ހަމަޖައްސަން ޖެހޭނީ،" ހަބީބް ވިދާޅުވިއެވެ.
އީސީން ކަނޑައަޅާފައިވާ ތާވާލާ އެއްގޮތަށް ވަނީ ވޯޓާސް ލިސްޓް ވެސް އާއްމުކޮށްފައެވެ. އަދި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އީސީން އިއްޔެ ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާތީ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތަކަށް އެ ކޮމިޝަނުން ޖަވާބު ދޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.