01 Jul 2023, 10:46
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާގެ ޕްލެޓްފޯމްތަކުން ނުރައްކާތެރި ކޮންޓެންޓް ނުނަގާ ކަމަށް ބުނެ، އެކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މެލޭޝިއާއިން ބުނެފިއެވެ.
މެލޭޝިއާއިން މިފަދަ ފިޔަވަޅެއް އަޅާނެކަމަށް ބުނެފައިވާއިރު، އެ ގައުމުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބަށް ފަހު، ނަސްލާއި ދީނަށް ފުރައްސާރަ ކުރާ ފަދަ ޕޯސްޓުތައް މެޓާގެ ޕްލެޓްފޯމްތަކުން ހުއްޓުވާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރުން ވަނީ ބުނެފައެވެ.
މެލޭޝިއަން ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން މީހުންނަށް ފުރައްސާރަކޮށް، ޝާހީ އާއިލާއަށް ބަދުބަސް ބުނެ، މީހުންގެ އަބުރަށް އަރައިގަންނަ ފަދަ ކޮންޓެންޓް ގިނަވެފައިވާ ކަމަށެވެ. އަދި ޖުވާ ކުޅުމަށް ކުރާ އިޝްތިހާރާއި ސްކޭމް އިޝްތިހާރުތައް ވެސް އިތުރުވެފައިވާތީ، އެފަދަ ޕޯސްޓްތައް ނަގަން މެޓާއަށް އެންގި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންނަމަވެސް ތަކުރާރުކޮށް އެދުމުންވެސް އެކަށީގެންވާ ފިޔަވަޅެއް މެޓާއިން އަޅާފައި ނުވާކަމަށް އެކޮމިޝަނުގެ ބަޔާނުގައިވެއެވެ. އެހެންކަމުން ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި މެޓާއާމެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން މެޓާއިން ރަސްމީ ގޮތުން އަދި އެއްވެސް އެއްޗެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅަކާ ބެހޭ ގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނެޓްވޯކް ފެސިލިޓީތައް ނުވަތަ އެޕްލިކޭޝަން ހިދުމަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ދިނުމަކީ މެލޭޝިއާގެ ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ ގާނޫނު 1998ގެ ދަށުން ކުށެއް ކަމަށެވެ.
އަދި އެކޮމިޝަނުގެ އެންގުންތަކަށް ތަބާ ނުވެއްޖެ ނަމަ "ޖިނާއީ ކަންކަމަށް އެހީތެރިވުމުގެ ކުށުގައި" މެޓާ ކުންފުނީގެ އޮފިޝަލުންގެ މައްޗަށްދައުވާ ކުރުމުގެ ފުރުސަތު ވެސް ގާނޫނުން ލިބިދީފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.
މެލޭޝިއާގެ މެލޭ ދަރިކޮޅުގެ މުސްލިމުންނާއި ޗައިނާ އާއި އިންޑިއާގެ ގިނަ ބަޔަކު ދިރިއުޅޭއިރު ނަސްލީ ގޮތުންނާއި ދީނީ ގޮތުން ފުރައްސާރަކުރުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
ފޭސްބުކަކީ މެލޭޝިއާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށާއި އެ ގައުމުގެ 33 މިލިއަން މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންގެ އެކައުންޓް ފޭސްބުކްގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް މެޓާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މެޓާ އާއި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރާ ކޮންޓެންޓްތަކާ ގުޅިގެން މިފަދަ ރެގިއުލޭޓަރީ ބޮޑެތި މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ސަރުކާރުތަކުން އަންނަނީ ކޮންޓެންޓް ނެގުމަށް ވަރަށް ގިނައިން އެދެމުންނެވެ.