26 Jun 2023, 08:17
ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ރަޝްމިކާ މަންދަންނާއާއި ވިޖޭ ދެވެރަކޮންޑާގެ ލޯބީގެ ގުޅުން ނިމުމަކަށް ނާންނަކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މީގެ ދުވަސްކޮޅެއްކުރިން ލޯބިވެރިންގެގޮތުގައި މީޑިއާއިން ސިފަކުރަމުންއައި ދެ ތަރިންގެ ގުޅުން ނިމުމަކަށް ގެންނަން އުޅޭކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. އެހެންނަމަވެސް ދާދިފަހުން ރަޝްމިކާއާއި ވިޖޭގެ އާއިލާއާއެކު އެ ދެ މީހުން ރެސްޓޯރެންޓަކަށް ވަންނަން ދިޔަ މަންޒަރު މީޑިއާ ރިޕޯޓަރުންނަށްވަނީ ފެނިފައެވެ.
ބަތަލާ ރަޝްމިކާއާއި ވިޖޭގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގެ ސަމާލުކަން ހޯދި ނަމަވެސް މިހާތަނަށް ދެތަރިންގެ ފަރާތުން މިކަމަށް ބާރުލިބޭފަދަ ގޮތަކަށް ޖަވާބު ލިބިފައެއް ނުވެއެވެ.
ވިޖޭއާއި ރަޝްމިކާގެ ލޯބީގެ ގުޅުމުގައި ކުނިޖެހިފައިވާކަމުގެ ޚަބަރުތައް ތިލަވާންފެށީ ތެލުގޫ އެކްޓަރު ބެއްލަމްކޮންދާއާއި ރަޝްމިކާ އެކި އިވެންޓުތަކުން އެކީގައި ފެންނަން ފެށުމުންނެވެ. ދެ ތަރިންގެ ދެމެދުގައި އޮތް ޚާއްސަ ގުޅުމާބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ރައްދު ދެމުން ބަތަލާ ބުނެފައިވަނީ، ވިޖޭއަކީ ދިރިއުޅުމުގައި ވަރަށް ޚާއްސަ މަޤާމެއް ދެވިފައިވާ ގާތް އެކުވެރިއެއްކަމަށާއި ދިމާވާ ކޮންމެ ކަމެއްގައި ވިޖޭގެ އެހީތެރިކަން އަބަދުވެސް ލިބޭކަމަށެވެ. މި ދެތަރިންވަނީ މިދިޔަ އަހަރު ޗުއްޓީ ދަތުރެއްގައި ރާއްޖެއަށް ޒިޔާރަތްކޮށް އެކުގައި ވަގުތު ހޭދަކޮށްފައެވެ.
ސައުތު ސިނަމާ ފަތަޙަކުރުމަށްފަހު މި ދެތަރިން ދާދިފަހުންވަނީ ބޮލީވުޑަށް ތަޢާރަފުވެފައެވެ. ވިޖޭ ބޮލީވުޑަށް ކުޅުނު ފުރަތަމަ ފިލްމު "ލައިގާ"އަކީ މިދިޔައަހަރު ރިލީޒްކުރި ފިލްމެކެވެ. ދަރްމާ ކުންފުނިން އުފެއްދި މިފިލްމަށް ބެލުންތެރިންގެ ފަރާތުން މާބޮޑު މަގުބޫލުކަމެއް ލިބިފައިނުވެއެވެ.
ވިޖޭއެކޭ އެއްގޮތަށް ބަތަލާ ރަޝްމިކާވެސް ބޮލީވުޑަށް ތަޢާރަފުވެފައިވަނީ، މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ގުޑްބާއި"އިންނެވެ. މިފިލްމަށްފަހު ރަޝްމިކާވަނީ އިތުރު ހިންދީ ދެ ފިލްމަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި މިއަހަރު ރިލީޒްކުރި ފިލްމު "މިޝަން މަންޖޫ" ހިމެނޭއިރު ފިލްމު "އެނިމަލް" ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ.