27 Jun 2023, 21:47
މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިންތިޒާމް ކުރާ ހަފުލާއެކެވެ.
މި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި ހަފުތާއިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ އެވޯޑް ބާއްވަން ނިންމާފައިވަނީ ދެ އަހަރަށް ފަހުއެވެ. މިއަހަރުގެ އެވޯޑްސްގައި ގެސްޓް ހައުސް އެޑިޝަންގައި 10 ދާއިރާއެއް ހިމެނޭއިރު، އެވޯޑް ދިނުމުގައި އާއްމުންގެ ޚިޔާލާއި، އެސްއެމްއެސްގެ އިތުރުން، ޓްރިޕް އެޑްވައިޒާގައި ގެސްޓް ހައުސްގެ ރޭންކިންއަށް ބަލާނެ ކަމަށް މަޓާޓޯއިން ބުނެއެވެ.
މަޓާޓޯއިން ބުނީ މިއަހަރުގެ އެވޯޑްސްގައި ގެސްޓްހައުސް އާއި ރިސޯޓް ކްރޫސް އެންޑް ސާވިސްގެ ދަށުން 32 ދާއިރާއެއް ހިމެނޭއިރު މިއީ ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު އެވޯޑްސްއަށް އައިސްފައިވާ ބޮޑު ކުރިއެރުމެއް ކަމަށެވެ.
މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކުރެވޭ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.